ހދ. ނޮޅިވަރަންފަރު ގައި ބަނގުރާ ކައްކަން ތިބި ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، ބަޔަކު ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 43 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަންފަރު ގެއެއްގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މޭ މަހުގެ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ، އޮޕަރޭޝަނުގައި، އެ ހަތަރު މީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 1.5 ލީޓަރުގެ ފުޅިއަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރިި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.