މެދުކަނޑާލި ސްޕެނިޝް ލީގު ޖޫން މަހު 20 ވަނަ ދުވަހު އަލުން ފެށުމަށް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ބައެއް ކްލަބުތަކުން ބުނެފިއެވެ.
ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މިދިޔަ މާރޗު މަހު ސްޕެނިޝް ލީގުގެ ކުޅުން ހުއްޓާލި ނަމަވެސް، މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުންވަނީ ދީފައެވެ.
އެހެންކަމުން ސްޕެނިޝް ލީގުގެ ގިނަ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު، ކުޅުންތެރިން އެކަނި ތަމްރީނުތައް ފަށާފައެވެ. އެގޮތުން ކުޅުންތެރިން އެކަނި ތަމްރީނުތައް ފެށި ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ހިމެނެއެވެ.
ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ދީފައިވީ ނަމަވެސް، ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ހުއްދަ ދޭނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާނެ ތާރީޚެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.
އެކަމަކު ބައެއް ކްލަބްތަކުގެ ކޯޗުން ވަނީ އަންނަ ޖޫން މަހު 20 ވަނަ ދުވަހު ލީގު ފަށަން ނިންމިކަން އެނގިފައިވާކަމަށް ބުނެފައެވެ. އެގޮތުން ލެގަނޭސްގެ ކޯޗު ހަވިއޭ އަގީރޭ ބުނީ ލީގު އަލުން ފަށަން މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ ޖޫން މަހު 20 ވަނަ ދުވަސް ކަމަށާއި، ލީގު ނިންމަން އަމާޒު ހިފަނީ ޖުލައި މަހުގެ 26ށް ކަމަށެވެ.
ސްޕެނިޝް ލީގު ފުރިހަމަ ކުރަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލަލީގާގެ ވިސްނުމަކީ މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފެށުމެވެ.
އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ލަލީގާއިން ޔުއެފާއަށް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.