މެދުކަނޑާލާފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ތުރުކީގެ ސިޓީއެއް ކަމަށްވާ އިސްތަންބޫލްގައި ބޭއްވޭނެ ކަމަށް ތުރުކީ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ނިހާތު އޮޒްދެމިރު ވިދާޅުވެއްޖެ އެވެ.
ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗެމްޕިއަންސް ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި އޮތީ އިސްތަންބޫލްގެ އަތަތުރުކު އޮލިމްޕިކް ސްޓޭޑިއަމްގައެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު މި ދަނޑުގައި ބޭއްވުމަށް ތާވަލުކުރިއިރު، 2005 ވަނަ އަހަރު ލިވަޕޫލާއި އޭސީ މިލާން ބައްދަލުކުރި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުވެސް ބާއްވާފައިވަނީ މި ދަނޑުގައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިސްތަންބޫލްގައި ބޭއްވޭނެ ކަމަށް ތުރުކީ އެފްއޭގެ ރައީސް ނިހާތު އޮޒްދެމިރު ވިދާޅުވިއިރު، ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ތުރުކީ ލީގު، ޖޫން މަހުގެ 12 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތައް މާރޗު މަހުގެ 23 ވަނަ ދުވަހު މެދުކަނޑާލިއިރު، ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާއާއި ޔޫރަޕިއަން ކްލަބު އެސޯސިއޭޝަނުން ވަނީ ޗެމްޕިއަންސް ލީގު އޮގަސްޓް މަހު އަލުން ފެށުމަށް އެއްބަސްވެފައެވެ. އަދި ޔުއެފާގެ ވިސްނުން ހުރީ ގައުމުތަކުގެ ލީގުތައް އެންމެ ފުރަތަމަ ނިންމާލުމަށް ފަހު، ޔޫރަޕުގެ މުބާރަތްތައް ފެށުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގެ އިތުރުން ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ، ޗެލްސީ އާއި ބަޔާން މިއުނިކް، ލިޔޯން އާއި ޔުވެންޓަސް އަދި ނާޕޮލީ އާއި ބާސެލޯނާގެ ދެވަނަ ލެގުގެ މެޗުތައް ކުޅެން އެބައޮތެވެ.
ޗެމްޕިއަންސް ލީގު އޮގަސްޓް މަހު ފަށަން ޔުއެފާ އިން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ޔުއެފާ އިން ވަނީ ގައުމުތަކުގެ ލީގުތަކާ މެދު އަމަލުކުރާނެ ގޮތެއް މިމަހުގެ 25 ގެ ކުރިން އެ އިދާރާއަށް އެންގުމަށް އެދިފައެވެ.