ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މިހާރު ދެމުން ނުދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒިީރު ވިދާޅުވީ ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުންދާ ކަމަށެވެ. އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކަކު 5،000 ރުފިޔާ ދެމުންދާއިރު، އެއީ ކުޅުންތެރިންގެ މުސާރައެއް ނޫން ކަމަށާއި އެއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމާއެކު، ކުޅުންތެރިންގެ ހާޒިރީ އާއި ފަރިތަކުރުންތައް ދާ ގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ވެސް އިނގޭނެ މި އީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމުން ދެވޭ ބޯނަސްއެއްކަން. މި ހާއްސަ ހާލަތު ނިމުމުން ގައުމީ ޓީމުތަކުގެ ޕްރެކްސް ފަށައި ގަނެވުނާއި އެކު އަނެއްކާ ވެސް ކުޅުންތެރިންނަށް ދޭންވާ އެއްޗެއް ދެވިގެންދާނެ.ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް
މަހުލޫފް އިތުރަށް ވިދާޅުވީ ފުޓްބޯޅަ ޓީމުތަކުގެ ކޯޗުނަށް ދެމުން އައި އެލަވަންސް އަކީ ވެސް ކްލަބުތަކާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ތެރެއިން ދެވޭ އެއްޗެއް ކަމަށާއި ވުޒާރާއިން ފައިސާ ދޫކުރާނީ ސީދާ ކްލަބަށް ކަމަށެވެ.
ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށްވެސް ކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، އެހެން ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކުޅިވަރު ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.