ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 15:06
ގްރަނާޑާގެ ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސާ ކުޅުންތެރިން އުފާފާޅުކުރަނީ
ގްރަނާޑާގެ ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސާ ކުޅުންތެރިން އުފާފާޅުކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލީގު
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
މިއީ ނޭމާ ބާސާ އަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑު
ބާސާ އޮތީ 66 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގަ

ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު، ގްރަނާޑާގެ މައްޗަށް 1-4 ލަނޑުން ކުރި ހޯދައި ސްޕެނިޝް ލީގުގައި ބާސެލޯނާއިން އެޓީމުގެ މަގާމު ދަމަހައްޓައިފި އެވެ.

ރޭގެ މޮޅާއެކީ ބާސާ އޮތީ 66 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ، 68 ޕޮއިންޓާއެކީ ލީގުގެ އެއްވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ބާސާ އަތުން ރޭ ބަލިވި ގްރެނާޑާ އޮތީ، 19 ޕޮއިންޓާއެކީ ލީގުގެ 19 ވަނައިގައެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ސުން ކަނޑުވާލާފަ އެވެ. އެގޮތުން 44 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން  ވެސް ބާސާއިން ދިޔައީ ގްރަނާޑާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެން ނަމަވެސް އެޓީމުން ވަނީ ބާސާގެ އެޓޭކްތައް ހުއްޓުވައި އެޓީމުގެ ގޯލު ފޫއަޅުވާލާފަ އެވެ.

އެގޮތުން 50 ވަނަ މިނެޓުގައި މިލަނޑު ގްރަނާޑާއަށް ކާމިޔާބުކޮށްދިނީ ޖެރެމީ ބޯގާ އެވެ.

މިލަނޑަށް ފަހު ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ދެ ޓީމުން ވަނީ ތަނަވަސްކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ބާސާއިން ލީޑު ނެގީ 64 ވަނަ މިނެޓުގައި ފްރެންސިސްކޯ އަލްކާސިރް އެވެ. މި ލަނޑާއެކު ބާސާއިން މޮޅަށް ކުޅެމުންދިޔަ ނަމަވެސް ގްރަނާޑާއިން ވަނީ އިތުރު ލަނޑެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރު ގޮންޖެހުމެއް ކުރިމަތިވީ 82 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ހެންރީ އަގްބޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އެއާއެކު ބާސާއިން ވަނީ މުޅި ޓީމު އެއްކޮށް ކުރިއަށްޖެހި ގާތް ގާތުގައި އިތުރު ދެ ލަނޑުޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. އެޓީމުގެ ތިންވަނަ ލަނޑު 83 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ކާމިޔާބުކޮށްދިން އިރު، ހަތަރު ވަނަ ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ ނޭމާ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ސަތޭކަ ވަނަ ލަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް