ކ. މާލެ
|
3 މެއި 2020 | އާދީއްތަ 19:09
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް
ގެޓީ އިމޭޖަސް
ބޭލް އެމެރިކާ ލީގަށް
ރެއާލް ދޫކޮށް ބޭލް އެމެރިކާ ލީގަށް!
ރެއާލް އާއެކު ބޭލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު
ޓޮޓެންހަމުން އަންނަނީ ބޭލް ގަތުމަށް މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ދެން ކުޅެން ޝައުގުވެރިވަނީ އެމެރިކާގެ މޭޖަރ ލީގުގައި ކަމަށް ވޭލްސްގެ ތަރި ގެރެތު ބޭލް ބުނެފި އެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2022 ގެ ނިޔަލަށް އާކޮށްފައެވެ.

އުމުރުން 30 އަހަރުގެ ބޭލް ބުނީ އެއްބަސްވުން ހަމަވަންދެން ރެއާލްގައި މަޑުކުރާނެ ކަމަށާއި، އެކަމަކު އެއްބަސްވުން ހަމަވުމުން ދެން ކުޅެން ބޭނުންވަނީ އެމެރިކާގެ މޭޖާ ލީގުގައި ކަމަށެވެ.

އެއްބަސްވުން ހަމަވުމުން އެމެރިކާގެ މޭޖާ ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބޭލް ބުނިއިރު، އޭނާގެ ކުރީގެ ކްލަބު ޓޮޓެންހަމުން އަންނަނީ ބޭލް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ފަހުން ޗައިނާގެ ކްލަބަކަށް ބޭލް ބަދަލުވުމާއި ދާދި ގާތަށްވެސް ދިޔައެވެ.

މި ސީޒަން ފެށުމުގެ ކުރިން ރެއާލްގެ ވެރިން ބޭލް އާއި މެދު ހިތްހަމަނުޖެހި އޭނާ ވިއްކާލަން އުޅުނު ކަމަށް އަޑުފެތުރުނެވެ. ރެއާލްގެ ވެރިން ބޭލްއާއި މެދު ހިތްހަމަނުޖެހުނީ ވޭލްސްގެ ޔޫރޯ ކޮލިފިކޭޝަން މެޗަކަށްފަހު އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ. އެއަށްފަހު ޕްރީ ސީޒަން ބައެއް މެޗުތަކުގައި ބޭލް ހިމަނާފައެއްވެސް ނުވެއެވެ.

އެކަމަކު އޭގެ ފަހުން ރެއާލްގެ ކޯޗު ޒިދާން ވަނީ ބޭލްގެ ދިފާއުގައި ވާހަކަދައްކާފައެވެ. ޒިދާން ބުނީ އޭނާއާ ބޭލްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ބޭލްއަކީ އެޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ބޭލް ހޯދުމަށް ޓޮޓެންހަމުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ބޭލްގެ އޭޖެންޓް ބުނީ އޭނާ އެނބުރި ޓޮޓެންހަމަށް ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެގޮތުން މިވަގުތު ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، އެހެން ޓީމަކަށް ބަދަލުވުމާއި މެދު ގޮތެއް ނިންމާލީ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށްވެސް ބުންޏެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 249 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު، ކްލަބު ވާރލްޑް ކަޕް ތިން ފަހަރު، ސްޕެނިޝް ލީގު އެއް ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް