ކ. މާލެ
|
3 މެއި 2020 | އާދީއްތަ 16:59
އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް
އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް
ގެޓީ އިމޭޖަސް
މާޓިނޭޒް ހޯދަން ކުރާ މަސައްކަތް
ބާސާ އަށް ބަދަލުވާން މާޓިނޭޒް ބޭނުންވޭ
މާޓިނޭޒްގެ އެއްބަސްވުން އުވާލަން ބާސާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހޭ
އެކަމަކު އިންޓަ އިން ވަނީ އެ އަދަދު 90 މިލިއަން ޔޫރޯ އަށް ކުޑަކޮށްދީފައި

ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާކަން އާޖެންޓީނާ ގައުމީ ޓީމުގެ ފޯވަރޑް ލަޓާރޯ މާޓިނޭޒް އިންޓަރ މިލާނަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާއިން ފޯވަރޑެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެޓީމުން އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިއަކީ މާޓިނޭޒް އެވެ. އެއާއެކު ކުރިއަށް އޮތް ހޫނު މޫސުމުގައި ބާސާއަށް ބަދަލުވާން ބޭނުންވާކަން އިންޓަރ އަށް މާޓިނޭޒް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޓިނޭޒް އިންޓަރ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން، ބާސާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބާސާއަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޓަރ އިން އެ އަދަދު 90 މިލިއަން ޔޫރޯ އަށް ކުޑަކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ބާސާ އިން އަންނަނީ އެ އަދަދު ދެއްކުމަށާއި، ބާސާގެ ބައެއް ކުޅުންތެރިން އިންޓަރ އަށް ހުށަހެޅުމަށް ތައްޔާރުވަމުން ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އިންޓަރ އިން ބޮޑަށް ބޭނުންވަނީ ބާސާގެ ފޯވަރޑް އެންޓޮއިން ގްރީޒްމަން އާއި މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް އެޓީމަށް ގެނައުމަށެވެ.

ބާސާ އިން މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ބާސާ އިން މާޓިނޭޒްއަށް އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅަންވެސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުކޮށްފައެވެ. ބާސާގެ އިތުރުން މެންޗެސްޓަރ ސިޓީން ވެސް އަންނަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.

އުމުރުން 22 އަހަރުގެ މާޓިނޭޒް އިންޓަރ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސީޒަނުގައި ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބުން 22 މިލިއަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓަރއަށް ކުޅެދިން 66 މެޗުގައި 25 ލަނޑު ޖަހާފައެވެ.

އަދި އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 17 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް