މެދުކަނޑާލާފައިވާ ޖަރުމަން ލީގު އަލުން މި މަހު ފަށާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބަޔާ ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު ސިމޮން ރޮލްފްސް ބުނެފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ޖަރުމަންގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު، ޖަރުމަން ސަރުކާރުން މިހާރު އަންނަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި މީހުން އެއްވެ އުޅުމުގައި ކަނޑައެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ.
ޖަރުމަނުގައި ފުޓްބޯޅަ މެޗުތައް މެދުކަނޑާލީ މާޗު މަހު 13 ވަނަ ދުވަހު އެވެ. އެކަމަކު ޖަރުމަން ކްލަބުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
މި މަހުގެ ނުވަވަނަ ދުވަހު ޖަރުމަން ލީގު އަލުން ފަށަން ޖަރުމަންގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އައި ނަމަވެސް، ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ކުޅިވަރުތައް އަލުން ފަށާނެ ތާރީޚެއް ކަނޑައެޅުން ހޯމަ ދުވަހަށް ފަސްކޮށްފައެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބަޔާ ލެވަކޫސަންގެ ސްޕޯޓިން ޑިރެކްޓަރު ސިމޮން ރޮލްފްސް ބުނީ ލީގު މި މަހުގެ ތެރޭގައި އަލުން ފަށާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، ސަރުކާރުންވެސް އެކަމަށް ތާއީދު ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ލީގު އަލުން ފަށާނެ ތާރީޚެއް ކަނޑައެޅޭނެ ކަމަށާއި، އެންމެ ބޮޑަށް އުންމީދު ކުރަނީ މި މަހުގެ މެދުތެރޭގައި ލީގުގެ ކުޅުން އަލުން ފެށުން ކަމަށެވެ.
ޖަރުމަން ލީގު އަލުން ފަށެމުނަށް މަސައްކަތް ކުރަމުން އައި ނަމަވެސް، ހުކުރު ދުވަހު ކޮލޯންގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަމަކު ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން އެ ކްލަބުން އަދިވެސް އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޖަރުމަން ލީގު އަލުން ފަށާނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ބޮޑެތި ހަރަކާތްތައް އޮގަސްޓް 31 އަށް ޖަރުމަން ސަރުކާރުން މަނާކޮށްފައި އޮތުމުންނެވެ.
ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖޫން މަހުގެ 30 ގެ ކުރިން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން އަމާޒުހިފާފައެވެ.