ޗެލްސީ ދޫކޮށް ބްރެޒިލްގެ ފޯވާޑް ވިލިއަން ބަދަލުވާން އެންމެ ބޭނުންވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް ނުވަތަ ބާސެލޯނާ އަށް ކަމަށް އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު މާޓިން ކީއޯން ބުނެފި އެވެ.
ޗެލްސީއާއެކު ވިލިއަން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން ވަނީ ވިލިއަންގެ އެއްބަސްވުން އާކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު ވިލިއަން އަށް ކުރު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހެޅުމުން، އެ އެއްބަސްވުން ގަބޫލުނުކުރަން ވިލިއަން ވަނީ ނިންމާފައެވެ.
އެހެންކަމުން ހޫނު މޫސުމުގެ ޓްރާންސްފާގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ އެހެން ކްލަބަކަށް ބަދަލުވަން މިހާރު ވަނީ ނިންމާފައެވެ. ވިލިއަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާ، އާސެނަލް، ބާސާ އަދި ޔުވެންޓަސް އިންނެވެ.
މީގެ ކުރިން ވިލިއަން ވަނީ އޭނާ އިންގްލެންޑުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އެކަމަކު މާޓިން ބުނީ އާސެނަލަށް ވިލިއަން ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި، އެންމެ ބޮޑަށް ބެލެވޭ ގޮތުގައި އޭނާ ބަދަލުވާން ބޭނުންވަނީ ސްޕެއިންގެ ރެއާލް ނުވަތަ ބާސާ އަށް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވިލިއަން ބަދަލުވުން އެންމެ ގާތް ކްލަބަކީ ޓޮޓެންހަމެވެ.
ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 328 މެޗުގައި 58 ލަނޑު ކާމިޔާބު ކޮށްފައެވެ.
ވިލިއަން ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި އިނގިރެސި ލީގު ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.