ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 15:57
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު ފުރިހަމަ ކުރުން
އިޓާލިއަން ލީގު ފުރިހަމަ ކުރަން ހުރިހާ ކްލަބަކުން ރުހުން ދީފި
މެއި 27 އާއި ޖޫން 2 އާ ދެމެދު އިޓާލިއަން ލީގު އަލުން ފަށަން އަންނަނީ މަސައްކަތް

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފަށަން ހުރިހާ ކްލަބްތަކަކުން ރުހުން ދީފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަކީ އިޓަލީ އެވެ. އެކަމަކު ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

އިޓާލިއަން ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވީ ނަމަވެސް، ދާދި ފަހުން އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ ވަނީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުނަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދޭނެ ކަމަށާއި، އަދި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ ބަލާނެ ކަމަށެވެ.

އެއާއެކު އިޓާލިއަން ލީގުގެ ހުރިހާ ކްލަބަކުން ވަނީ ލީގު ފުރިހަމަ ކުރަން ރުހުން ދީފައެވެ. މީގެ ކުރިން އިޓާލިއަން ލީގުގެ ބްރެޝިއާ، ޓޮރިނޯ، ސަމްޕްޑޯރިއާ، އުދިނޭޒީ، ސްޕާލް، ޖެނޯއާ އަދި ކަލިއާރީން، ލީގު އަލުން ފަށަން ބޭނުންނުވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ދާދި ފަހުން އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވިދާޅުވީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ނުކުރާނެ ކަމަށެވެ.އަދޮ ލީގު ކެންސަލް ކުރުމަކީ އިޓަލީގެ ފުޓްބޯޅަ މަރާލުން ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ގްރަވީނާ އިތުރަށް ވިދާޅުވެފައިވަނީ ލީގު ކެންސަލް ކޮށްފި ނަމަ، 700-800 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދާ ލީގު ފުރިހަމަ ކުރާނަމަ 300 މިލިއަން ޔޫރޯގެ ގެއްލުމަށް ވާނެ ކަމަށާއި، އަދި ސަޕޯޓަރުން ވައްދައިގެން ލީގު ފުރިހަމަ ކުރި ނަމަވެސް 100-150 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށެވެ.

އިޓާލިއަން ލީގު އަލުން ފަށަން ހުރިހާ ކްލަބަކުން ރުހުން ދިންއިރު، މެއި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން މަސައްކަތް ކުރަމުން އަންނަކަމަށް މިޑިއާ ރިޕޯޓުތައް ބުނެއެވެ. އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.

އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަރސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް