ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 14:54
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
ބާސާގައި މެސީ މަޑުކުރުން
މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައި: ސެޓިއެން
މި ސީޒަން ނިމުމުން އިންޓަ މިލާނަށް މެސީ ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނޭ
ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު ވަނީ މައްސަލަ ޖެހިފައި

ލިއޮނެލް މެސީ އާއި ބާސެލޯނާ އަބަދުވެސް އޮންނާނީ އެކުގައި ކަމަށް އެޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

ސެޓިއެން މިހެން ބުނީ މި ސީޒަން ނިމުމުން އިޓަލީގެ އިންޓަރ މިލާނަށް މެސީ ބަދަލުވާން އުޅޭކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ބާސާ އާއި މެސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މި ސީޒަން ނިމުމުން އޭނާއަށް ކްލަބު ދޫކޮށްލުމުގެ އިޚުތިޔާރު ލިބެއެވެ. އެކަމަކު ދާދި ފަހުން މެސީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބާސާ ދޫކޮށްލަން އުޅޭ ޚަބަރު ދޮގުކޮށްފައެވެ.

ސެޓިއެން ބުނީ ބާސާގައި، މެސީ މިހާތަނަށް 20 އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ކްލަބު ދޫކޮށް ނުދާނެކަމަށެވެ. އަދި މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައިކަމަށް ސެޓިއެން ވަނީ ބުނެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ. އެގޮތުން އަބިދާލް ވަނީ ބާސާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި، ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާކަމަށް ތުހުމަތު ކޮށްފައެވެ.

އަބިދާލް އަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ތުހުމަތުތަކެއް ކުރާއިރު، އެ ކުޅުންތެރިންގެ ނަން ހާމަކުރަން ޖެހޭނެ ކަމަށާއި، ކުޅުންތެރިންގެ ނަން ހާމަނުކުރާނަމަ އެ ތުހުމަތުކުރެވެނީ މުޅި ޓީމަށް ކަމަށެވެ. އަދި ވަކި ކުޅުންތެރިއެއްގެ ނަން ނުހިމަނާ އެފަދަ ވާހަކަތައް ދެއްކުމުން ދޮގު މަޢުލޫމާތު ފެތުރި ޓީމު ބަދުނާމުވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

ބާސާގެ ސީނިއަރ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް