ފްރެންޗު ލީގު ކެންސަލްކޮށް، ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމުން އެކަމާ ހިތްހަމަނުޖެހި ލިޔޯނުން ކޯޓުގައި މައްސަލަ ޖައްސަން ނިންމައިފި އެވެ.
ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ޗެމްޕިއަންކަން ދޭން ދި ފްރެންޗު ލީގު (އެލްއެފްޕީ) އިން ނިންމީ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭ ގޮތަށް ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި ވަނީ ސަޕޯޓަރުން ނުވައްދައިވެސް ފުޓްބޯޅަ ހަރަކާތްތައް ކުރިއަށް ނުގެންދަން އަންގާފައެވެ.
ޕީއެސްޖީ އަށް ޗެމްޕިއަންކަން ދިންއިރު، ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 68 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.
ފްރެންޗު ލީގު ކެންސަލް ކުރިއިރު، ޔުއެފާ އިން ލީގުތައް ކެންސަލް ކުރަން ހުއްދަ ދިނީ ޔޫރަޕްގެ މަގާމުތަކަށް ޓީމުތައް ކަނޑައެޅުމަށް ޝަރުތުކޮށްފައެވެ. އެހެންކަމުން ފްރެންޗު ލީގުން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ އެއްވަނައިގައި އޮތް ޕީއެސްޖީ، ދެވަނައިގައި އޮތް މާސޭ އަދި ތިންވަނައިގައި ރެނެސް އެވެ. އަދި ޔުއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވާނީ ހަތަރުވަނައިގައި އޮތް ލިލް، ފަސްވަނައިގައި އޮތް ރެއިމްސް އަދި ހަވަނައިގައި އޮތް ނީސް އެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރަށްފަހު ޔޫރަޕްގެ މުބާރާތަކުން ތާވަލުގެ ހަތްވަނައިގައި އޮތް ލިޔޯން އަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.
އެހެންކަމުން ލިޔޯން އިން ވަނީ އެލްއެފްޕީގެ ނިންމުމާ އެކު ސީޒަން ފުރިހަމަނުކުރެވި ޔޫރަޕްގެ ޖާގައެއް ނުލިބުމުން އެ ޓީމަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމާފައެވެ. ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތަކުން އެތީމަށް ފުރުސަތު ނުލިބުމުން މާލީ ގޮތުން ބޮޑު ގެއްލުމަކަށް ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން މާލީ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ލިޔޯން އިން ކޯޓުގައި ވަރަށް އަވަހަށް މައްސަލަ ޖައްސާނެއެވެ.
ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރެންޗު ލީގު ކެންސަލް ކުރިއިރު، މީގެ ކުރިން ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ވަނީ ކެންސަލް ކޮށްފައެވެ. ދެން ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.