ކ. މާލެ
|
30 އޭޕްރިލް 2020 | ބުރާސްފަތި 20:14
މޮނާކޯ އަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް
މޮނާކޯ އަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް
ގެޓީ އިމޭޖަސް
ފެބްރިގާސްގެ މުނިމާމަ ރަނގަޅުވުން
ފެބްރިގާސްގެ މުނިމާމަ ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ
ފެބްރިގާސް ވަނީ ސިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފައި
މީގެ ކުރިން ފެބްރިގާސް ވަނީ މޮނާކޯގެ ހަތަރު މަހުގެ މުސާރަ ކުޑަކުރަން ހުށަހަޅާފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސްގެ މުނިމާމަ ވައިރަހުން ރަނގަޅުވެއްޖެ އެވެ.

އުމުރުން 95 އަހަރުގެ މުނިމާމަ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ފަރުވާދީފައިވަނީ ފެބްރިގާސްގެ ޚަރަދުގައި ގޭގައެވެ. މުނިމާމަ ވައިރަހުން ރަނގަޅުވިކަން ފެބްރިގާސް ހާމަކުރީ އޭނާ ކުރި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ފެބްރިގާސް ބުނީ އޭނާގެ މުނިމާމައަކީ "ސުޕަ ހެރޮއިން" އެއް ކަމަށާއި، އެކަމަކު ވައިރަހުން މުނިމާމަ ރަނގަޅުވީ ސިއްހީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން ފެބްރިގާސް ވަނީ ސިއްހީ ޚިދުމަތްތެރިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކޮވިޑް-19 އިން ފެބްރިގާސްގެ މުނިމާމަ ރަނގަޅުވިއިރު، މީގެ ކުރިން ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އަންނަ ފެބްރިގާސް ވަނީ ހަތަރު މަހުގެ މުސާރަ ކުޑަކުރަން ހުށަހަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފްރެންޗު ލީގު ކެންސަލް ކުރަން ޖެހިފައިވާއިރު، މޮނާކޯ އަށްވެސް ވަނީ މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރައިން 30 އިންސައްތަ އުނިކުރަން ވަނީ ހުށަހަޅާފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި މޮނާކޯ އަށް ދެ މިލިއަން ޕައުންޑް ރައްކާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް