މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުމަކީ އިޓާލީގެ ފުޓްބޯޅަ މަރާލުން ކަމަށް އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަކީ އިޓަލީ އެވެ. އެކަމަކު ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.
އިޓާލިއަން ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވީ ނަމަވެސް، ދާދި ފަހުން އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ ވަނީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުނަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދޭނެ ކަމަށާއި، އަދި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ ބަލާނެ ކަމަށެވެ.
އެންމެ ފުރަތަމަ އިޓާލިއަން ލީގު ކެންސަލް ކުރަން ބައެއް ކްލަބުތަކުން ގޮވާލި ނަމަވެސް، ލީގު ފުރިހަމަ ކުރަން ހުރިހާ ކްލަބަކުންވެސް މިހާރު ތާއީދު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދާދި ފަހުން އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ވިދާޅުވީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ކުރަން ތާއީދުނުކުރާނެ ކަމަށާއި، ލީގު ކެންސަލް ކުރުމަކީ އިޓާލީގެ ފުޓްބޯޅަ މަރާލުން ކަމަށެވެ. އަދި އިޓާލިއަން ލީގުގެ މެޗުތައް ކެންސަލް ނުކޮށް، ހާލަތު ތަންދިނުމުން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ގްރަވީނާ އިތުރަށް ވިދާޅުވީ ލީގު ކެންސަލް ކޮށްފި ނަމަ، 700-800 މިލިއަން ޔޫރޯގެ ގެއްލުމަށް ވާނެ ކަމަށެވެ. އަދި ސަޕޯޓަރުން ނުވައްދައި ލީގު ފުރިހަމަ ކުރާނަމަ 300 މިލިއަން ޔޫރޯގެ ގެއްލުމަށް ވާނެ ކަމަށާއި، އަދި ސަޕޯޓަރުން ވައްދައިގެން ލީގު ފުރިހަމަ ކުރި ނަމަވެސް 100-150 މިލިއަން ޔޫރޯގެ ގެއްލުމެއް ވާނެ ކަމަށެވެ.
އިޓާލިއަން ލީގު ކެންސަލް ނުކުރާނެ ކަމަށް ގްރަވީނާ ވިދާޅުވިއިރު، ރިޕޯޓުތައް ބުނާ ގޮތުން މެއި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.
އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ވަނީ 62 ޕޮއިންޓު ލިބިފައެވެ.