އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގުގެ ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފިއެވެ.
އަންގާރަ ދުވަހުގެ ވަގުތެއްގައި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެކަން އިއުލާނުކުރައްވާފައެވެ. ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ދިން ނަމަވެސް، ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ހުއްދަ ދޭނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާނެ ތާރީޚެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްޕެނިޝް ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، ސްޕެނިޝް ލީގު މެއި މަހު ފަހުކޮޅު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެކަމަށް ސްޕެއިންގެ ސަރުކާރުން ދެކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕެއިނުގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަވަހަށް ލީގު ފެށޭނެ ފުރުޞަތެއް އަދި ނެތެވެ. އަދި މިހާރު އޮތް ހާލަތުން މީހުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް ބޭއްވުމަށް ހުއްދަ ނުދެވޭނެ ކަމަށާއި، އެކަންކަމާ މެދު ވިސްނާނާނީ ހާލަތު ރަނގަޅުވުމުން ކަމަށް ތަރުޖަމާނާ ހަވާލާދީ ސްޕެއިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަވަހަށް ލީގު ފަށަން ސްޕެއިން ސަރުކާރު ދެކޮޅު ނަމަވެސް، ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ވިސްނުން ހުރީ ފުޓްބޯޅަ ސީޒަން ފުރިހަމަކުރާށެވެ. އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެލްއެފްޕީ އިން ވަނީ ޔުއެފާ އަށް ދީފަ އެވެ.