ޕީއެސްޖީގެ ޗެމްޕިއަންސް ލީގު މެޗުތައް އެހެން ގައުމުގެއްގައި ކުޅެން މަސައްކަތްކުރާނެ ކަމަށް އެ ކްލަބުގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭ ވަނީ މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭނެކަން އަންގާފައެވެ. އަދި ސަޕޯޓަރުންނާ ނުލާ ފުޓުބޯޅައާއި، ރަގްބީ ވެސް ނުކުޅެވޭނެކަން ވެސްވަނީ އަންގާފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފަށަން ޔުއެފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، މެއި މަސް ނިމުމުގެ ކުރިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފެށުމާ ގުޅޭ ގޮތުން އެއްވެސްކަމެއް ނުނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޕީއެސްޖީން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނައިރު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދާފައެވެ.
ޕީއެސްޖީގެ ރައީސް ހެއްލާފީ ވިދާޅުވީ ފްރާންސް ސަރުކާރުން ފުޓުބޯޅަ ސީޒަން ކެންސަލްކުރަން ނިންމެވި ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި، އެކަމަކު ޔުއެފާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޗެމްޕިއަންސް ލީގުގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އެގޮތުން ފްރާންސުން ބޭރުގައި މެޗުތައް ކުޅެން ޖެހިއްޖެނަމަ، އެގޮތަށް ކުރިއަށްދާން ވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފްރާންސްގައި ޕީއެސްޖީގެ ޗެމްޕިއަންސް ލީގު މެޗު ކުޅެވޭގޮތް ނުވެއްޖެނަމަ، ގަތަރުގައި މެޗުތައް ކުޅުމަށް ހެއްލާފީ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޔުއެފާ އިން މި ފަހަރުގެ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގު ފުރިހަމަކުރަން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައް ކުރިއަށް ގެންދަން ޔުއެފާ އިން ނިންމާނީ ސަޕޯޓަރުން ނުވައްދައެވެ.