ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އަންނަ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް، ހަތަރު މަހުގެ މުސާރަ ކުޑަކުރަން ހުށަހަޅައިފި އެވެ.
ކޮރޯނާވައޮރަސް (ކޮވިޑް-19) އާ ގުޅިގެން ފްރެންޗް ލީގު ކެންސަލް ކުރަން ޖެހިފައިވާއިރު، މޮނާކޯއަށްވެސް ވަނީ މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރައިން 30 އިންސައްތަ އުނިކުރަން ވަނީ ހުށަހަޅާފައެވެ.
މި ދަނޑިވަޅުގައި މޮނާކޯ އަށް ދެ މިލިއަން ޕައުންޑް ރައްކާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެކުރިން މޮނާކޯ އިން ވަނީ އެ ކްލަބުގެ މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކޮށްފައެވެ. އެހެންކަމުން މުސާރަ ކުޑަކުރި މުވައްޒަފުންގެ 30 އިންސައްތަ އަމިއްލަ ޖީބުން ދައްކަން ފެބްރިގާސް ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މޮނާކޯ އަށް ބަދަލުވި އުމުރުން 32 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލް، ބާސެލޯނާ އަދި ޗެލްސީ އަށް ކުޅެފައެވެ.
މޮނާކޯގެ މުސާރަ ކުޑަކުރަން އަމިއްލަ އަށް ފެބްރިގާސް ހުށަހެޅިއިރު، މީގެ ކުރިން ފެބްރިގާސްގެ މުނި މާމައެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އުމުރުން 95 އަހަރުގެ މުނި މާމަ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އޭނާގެ ކަންކަންވެސް ބަލަހައްޓަމުން ދަނީ ފެބްރިގާސް އެވެ.