ޔޫރަޕްގެ ލީގުތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް ނިންމައި، އެކަން އެންގުމަށް ޔުއެފާ އިން މުއްދަތެއް ކަނޑައަޅައިފި އެވެ.
މީގެ ކުރިން ޔުއެފާ އިން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ލީގުތައް ކެންސަލް ކުރުމުގެ ހުއްދަ ދީފައެވެ. އެކަމަކު ލީގުތައް ކެންސަލް ކުރެވޭނީ ޔޫރަޕްގެ މަގާމުތަކަށް ހޮވޭ ޓީމުތައް ކަނޑައެޅުމަށްފަހު އެވެ.
އެއާއެކު ރޯޔަލް ޑަޗް ފުޓްބޯލް އެސޯސިއޭޝަނުން ވަނީ ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކޮށްފައެވެ. އެ ލީގު ކެންސަލް ކުރީ އެއްވެސް ޓީމަކަށް ޗެމްޕިއަންސް ނުލިބޭ ގޮތަށެވެ. އަދި އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށްވެސް ވަނީ ނިންމާފައެވެ. މިއީ ނެދަލެންޑްސް ފުޓްބޯޅަ ލީގު 1956 ވަނަ އަހަރު ފެށި ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ދިޔަ ފުރަތަމަ ފަހަރެވެ.
ޔުއެފާ އިން މިހާރު ވަނީ ލީގުތަކާ މެދު އަމަލުކުރާނެ ވަކި ގޮތެއް ނިންމައި، އެކަން އެ އިދާރާ އަށް އެންގުމަށް މުއްދަތެއް ކަނޑައަޅާފައެވެ. އެގޮތުން އަންނަ މެއި މަހުގެ 25 ގެ ކުރިން ލީގުތައް ކެންސަލް ކުރާނަމަ، ނުވަތަ ފުރިހަމަ ކުރާނަމަވެސް އެކަން އެންގުމަށް ވަނީ މެމްބަރު ގައުމުތަކުގައި އެދިފައެވެ.
ޔުއެފާ އިން ހުއްދަ ދިނުމުން ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރިއިރު، ދެން ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ. އެގޮތުން ބެލްޖިއަން ޕްރޯ ލީގު މެދުކަނޑާލާފައިވާއިރު، ލީގުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން އެ ގައުމުގެ ފުޓްބޯޅަ ލީގުގެ ބޯޑުން މި މަހުގެ ކުރީކޮޅު ވަނީ ނިންމާފައެވެ. އެކަމަކު ބެލްޖިއަމް ލީގު ކެންސަލް ކުރުމަށް 24 ކްލަބުގެ މެދުގައި ވޯޓު ނެގުން މިހާރު ވަނީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
ސްކޮޓްލެންޑްގެ 42 ކްލަބުގެ ވޯޓުގެ 81 އިންސައްތަ ވަނީ ދަށް ޑިވިޝަންތަކުގެ ލީގު ނިންމާލަން ލިބިފައެވެ. މިއީ މެޖޯރިޓީ އަށް ވުރެން ވެސް ގިނަ ވޯޓުތަކެއް ކަމަށް ބަލައި، ސްކޮޓިޝް ޕްރިމިއާޝިޕް ވެސް ކެންސަލްކުރުމުގެ އިޚުތިޔާރު ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެސްޕީއެފްއެލް) ބޯޑަށް ވަނީ ލިބިފައެވެ.
އެކަމަކު ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގު، ސްޕެނިޝް ލީގު، އިޓާލިއަން ލީގު އަދި ޖަރުމަން ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.