ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 19:04
އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގައި ބޮކަ ޖޫނިއާސް ކުޅުނު މެޗެއްގެ ތެރެއިން
އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގައި ބޮކަ ޖޫނިއާސް ކުޅުނު މެޗެއްގެ ތެރެއިން
އޭއެފްޕީ
އާޖެންޓީނާގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރުން
އާޖެންޓީނާގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކޮށްފި
މާޗު މަހުގެ ކުރީކޮޅު އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކުޅުން ވަނީ ނިމިފައި
ފުޓްބޯޅަ ސީޒަން ކެންސަލް ކުރީ ކުރިއަށް އޮތް ދެ އަހަރަށް ޓީމުތައް ރެލިގޭޓް ނުވާ ގޮތަށް
އާޖެންޓީނާ އަކީ ދެކުނު އެމެރިކާ އިން ފުޓްބޯޅަ ސީޒަން ކެންސަލް ކުރި ފުރަތަމަ ގައުމު

ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ސީޒަން އިތުރު ކުރިއަށް ނުގެންދަން އާޖެންޓައިން ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ނިންމައިފި އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ސީޒަން އިތުރު ކުރިއަށް ނުގެންދަން އޭއެފްއޭ އިން ނިންމިއިރު، އާޖެންޓީނާ އަކީ ދެކުނު އެމެރިކާ އިން ފުޓްބޯޅަ ސީޒަން ކެންސަލް ކުރި ފުރަތަމަ ގައުމެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި އޭއެފްއޭ ގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވަނީ ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، ސީޒަން ކެންސަލް ކުރިކަން އިއުލާން ކޮށްފައެވެ.

އޭއެފްއޭ އިން ފުޓްބޯޅަ ސީޒަން ކެންސަލް ކުރީ ކުރިއަށް އޮތް ދެ އަހަރަށް ފުރަތަމަ ޑިވިޝަނުގެ އެއްވެސް ޓީމެއް ރެލިގޭޓް ނުވާ ގޮތަށް ނިންމުމަށްފަހު އެވެ. އެހެންކަމުން ޑިއޭގޯ މަރަޑޯނާ ކޯޗުކަން ކޮށްދެމުން އަންނަ ޖިމްނާސިއާ ވަނީ ރެލިގޭޓްވުމުން ސަލަމާތްވެފައެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، މާޗު މަހުގެ ކުރީކޮޅު ވަނީ ފުރަތަމަ ޑިވަޝަންގެ ކުޅުން ނިމިފައެވެ. 2019-2020 ވަނަ އަހަރުގެ ސީޒަންގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަންކަން ހޯދާފައިވަނީ ބޮކަ ޖޫނިއާސް އިންނެވެ.

މި ސީޒަނުގައި ދެން ބާކީ އޮތީ 24 ޓީމުގެ މެދުގައި ކުޅޭ ކޮޕަ ސުޕަލީގާ އެވެ. އެހެންކަމުން މި މުބާރާތް މިހާރު ވަނީ ކެންސަލް ވެފައެވެ.

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އާޖެންޓީނާ އިން ފުޓްބޯޅަ ސީޒަން ކެންސަލް ކުރިއިރު، މީގެ ކުރިން ޔޫރަޕްގެ ގައުމެއް ކަމަށްވާ ނެދަލެންޑްސް އިން ވެސް ވަނީ ލީގު ކެންސަލް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް