ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 17:59
އޮލިމްޕިކްސް އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ
އޮލިމްޕިކްސް އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ
އޭއެފްޕީ
އޮލިމްޕިކްސް ކެންސަލް ކުރަނީ
އަންނަ އަހަރުވެސް ހާލަތު ރަނގަޅު ނުވާނަމަ އޮލިމްޕިކްސް ކެންސަލް ކުރަނީ
އޮލިމްޕިކްސް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް

އަންނަ އަހަރުގެ ޖުލައި މަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކް ގޭމްސް، އެ ތާރީޚުގައި ނުބޭއްވޭނަމަ، ގޭމްސް ކެންސަލް ކުރާނެކަމަށް އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ. އެކަމަކު މިހާރު ވަނީ އަންނަ އަހަރުގެ ޖުލައި 23 އިން އޮގަސްޓް 8 އަށް އޮލިމްޕިކްސް ބާއްވަން ތާވަލު ކޮށްފައެވެ. ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 24 އިން ސެޕްޓެމްބަރު 5 އަށެވެ.

އެކަމަކު ދާދި ފަހުން ޖަޕާނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަދި އޮލިމްޕިކްސް އޯގަނައިޒިން ކޮމިޓީގެ ޗެއަރމަން ޔޮޝީރޯ މޯރީ ވިދާޅުވީ އަންނަ އަހަރުވެސް ހާލަތު ރަނގަޅު ނުވެއްޖެނަމަ ގޭމްސް އިތުރަށް ފަސްނުކޮށް، ކެންސަލް ކުރާނެކަމަށެވެ. އެކަމަކު އަދި އެކަމަށް ވަކި ގޮތެއް ނިންމުން އަވަސް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރ ދޭވީ ސްރިދާރު ވަނީ އަންނަ އަހަރުވެސް އޮލިމްޕިކް ގޭމްސް ބޭއްވުން ނާދިރު ކަމަށާއި، ގޭމްސް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދިގެން ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރުވެސް ހާލަތު ރަނގަޅު ނުވާނަމަ، އޮލިމްޕިކްސް ކެންސަލް ކުރާނެ ކަމަށް އޯގަނައިޒިން ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ ވިދާޅުވިއިރު، ޖަޕާނުގެ މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ އަންނަ އަހަރު ގޭމްސް ބޭއްވުމަކީ ބޮޑު ޗެލެންޖަކަށް ވާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް