ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 16:41
ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއްގެ ތެރެއިން ކުޅުންތެރިއަކު ބަދަލުކުރަނިކޮށް
ޔުއެފާ ޗެމްޕިއަންސް ލީގު މެޗެއްގެ ތެރެއިން ކުޅުންތެރިއަކު ބަދަލުކުރަނިކޮށް
ގެޓީ އިމޭޖަސް
ފަސް ކުޅުންތެރިން ބަދަލުކުރުން
ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހަދަން ހުށަހަޅައިފި
މެޗެއްގައި ފަސް ބަދަލު ކުރެވޭ އިރު، އިތުރު ވަގުތަށް ގޮސްފި ނަމަ އިތުރު ދެ ބަދަލު ކުރެވޭނެ
މި ބަދަލު ގެންނަން ހުށަހެޅީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުން

ފުޓްބޯޅަ ސީޒަން އަލުން ފަށާއިރު މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ފީފާ އިން ހުށަހަޅައިފިއެވެ.

ފީފާ އިން ވަނީ ފުޓްބޯޅަ ގަވާއިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އަށް ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ޕްރޮޕޯސަލް ހުށަހަޅާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފީފާ އިން ގަވާއިދު ބަދަލުކުރަން ހުށަހެޅީ ދެ މަހަށް ވުރެން ގިނަ ދުވަސް ވަންދެން މެޗުތައް ނުކުޅެ ތިބުމަށް ފަހު އަލުން މެޗުތައް ފަށާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެގޮތުން ކޮންމެ މެޗެއްގައި ފަސް ކުޅުންތެރިން ބަދަލު ކުރެވޭ ގޮތަށް، އަދި އިތުރު ވަގުތަށް ގޮސްފިނަމަ އިތުރު ދެ ކުޅުންތެރިން ބަދަލު ކުރެވޭގޮތަށް ގަވާއިދު ބަދަލު ކުރަން ވަނީ ހުށަހަޅާފައެވެ.

އައިފެބްއިން މީގެ ކުރިން ވަނީ ތިން ކުޅުންތެރިންނަށް ބަދަލުކޮށްފައިވަނިކޮށް، މެޗުގެ ތެރެއިން ކުޅުންތެރިއެއްގެ ބޮލަށް އަނިޔާވެއްޖެނަމަ އެ ކުޅުންތެރިޔަކު ބަދަލު ކުރުމުގެ އިޚުތިޔާރު ދޭ ގޮތަށް ގަވާއިދެއް އެކުލަވާލަން މަޝްވަރާކޮށްފައެވެ. އަދި ދާދި ފަހުން ޔުއެފާއިން ވަނީ މެޗެއްގެ އިތުރު ވަގުތަށް ގޮސްފިނަމަ ހަތަރުވަނަ ބަދަލެއް ކުރެވޭގޮތަށް ހަދާފައެވެ.

ފީފާއިން ހުށަހެޅި މި ބަދަލުތަކާއެކު، މި އަހަރު ނިމެންދެން މި ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށާއި، ގައުމީ ޓީމުގެ މެޗުތަކުގައިވެސް މި ގަވާއިދަށް އަމަލުކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފީފާއާއި، އައިފެބްއިން މި ގަވާއިދަށް އަމަލުކުރަން އެސޯސިއޭޝަންތަކަށް ލަފާދިން ނަމަވެސް، މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ފީފާ އިން މީގެ ކުރިން ވަނީ ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު 211 ގައުމަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައެވެ. ފީފާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ފައިސާ ދޫކުރާނެ ކަމަށާއި، އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ދޭނީ ފަސް ލައްކަ ޑޮލަރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް