އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރެއިން، 150 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ފޯރުކޮށްދޭން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ޓްވިޓަރ ހެންޑްލްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މިއީ ކޮވިޑް-19އާ ގުޅިގެން އައިސްފައިވާ މާލީ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން ނަގާފައިވާ ފައިސާއެވެ. ރިޒަރވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކުރެވުނު ކަރަންސީ ސްވޮޕް އެގްރީމެންޓަކީ، 2019 ވަނަ އަހަރުގެ ޖުލައި މަހުގެތެރޭގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މީގެ ހަފުތާއެއް ކުރިން ރާއްޖެއަށް ދިމާވެފައިވާ ހާލަތާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާކުރައްވާފައެވެ.
މި އެއްބަސްވުންތަކަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާ ޙަވާލުވެވަޑައިގެން ޑިސެމްބަރު 2018 ގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤުތިޞާދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ފައިސާއެވެ. މިހާތަނަށް މީގެ ތެރެއިން 200 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓް ސަޕޯޓަށް 50 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ވަނީ އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޭންކްގެ ސަބްސްކްރިޕްޝަނެއް ވެސް ދީފައެވެ.