ކ. މާލެ
|
27 އޭޕްރިލް 2020 | ހޯމަ 20:49
ވުލްވްސްގެ ފޯވާޑް ޑިއޯގޯ ޔޮޓާ
ވުލްވްސްގެ ފޯވާޑް ޑިއޯގޯ ޔޮޓާ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު ފުރިހަމަ ކުރާނެ ކަމަށް ގަބޫލުކުރަން: ޔޮޓާ
ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި
ޕްރިމިއާ ލީގު ޖޫން 8 ގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުން
ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަނީ ސަޕޯޓަރުން ނުވައްދައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއަރ ލީގު ފުރިހަމަ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ވުލްވްސްގެ ފޯވާޑް ޑިއޯގޯ ޔޮޓާ ބުނެފި އެވެ.

ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާއިރު، ޖޫން މަހުގެ 8 ވަނަ ދުވަހު ޕްރިމިއަރ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކޮށްފައިވާއިރު، ބެލްޖިއަމް އާއި ސްކޮޓްލެންޑުން އަންނަނީ ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުންނެވެ.

ޔޮޓާ ބުނީ އެހެން ލީގުތައް ކެންސަލްކުރި ނަމަވެސް، ޕްރިމިއަރ ލީގަކީ ޔޫރަޕްގެ އެންމެ ބޮޑު އެއް ލީގު ކަމަށާއި، އެހެންކަމުން ޕްރިމިއަރ ލީގު ފުރިހަމަ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި އެންމެ މުހިންމީ ކުޅުންތެރިންގެ ސިއްހަތު ކަމަށާއި، ލީގު އަލުން ފަށަންވާނީ ހާލަތު ތަންދިނުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްރިމިއަރ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު، ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން 8 ގައި ފަށައި ޖުލައި 27 އަށް ލީގު އެއްކޮށް ފުރިހަމަކުރަން ޕްލޭން ހަދަމުން އަންނަ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޕްރިމިއަރ ލީގުގެ ގިނަ ކްލަބުތަކުން ވަނީ 40 ދުވަސް ތެރޭ މެޗުތައް ނިންމާލުމަށް ތާއީދުކޮށްފައެވެ.

މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގު މެދުކަނޑާލާފައިވީ ނަމަވެސް، އާސެނަލާއި ބްރައިޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑުން މިހާރު ވަނީ ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދިނުމުގެ ގޮތުން ޓްރެއިނިން ސެންޓަރުތައް ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް