އަންނަ މެއި މަހުން ފެށިގެން އިޓާލިއަން ލީގުގެ ކްލަބުތަކަށް ތަމްރީނުތައް ހެދުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަކީ އިޓަލީ އެވެ. އެކަމަކު ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެ ގޮތުން އިއްޔެ އިޓަލީގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 260 ގައި އުޅޭއިރު، މިއީ މާޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެގައުމުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.
އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ ވިދާޅުވީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ލޮކްޑައުނަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށް ކަމަށާއި އެގޮތުން އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދޭނެ ކަމަށެވެ. އަދި މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށާއި އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ފަރިތަކުރުންތަކަށް ކުޅުންތެރިން ނުކުތުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ.
މެއި މަހުން ފެށިގެން އިޓަލީގެ ކްލަބުތަކަށް ތަމްރީނުތައް ހަދަން ހުއްދަ ދިންއިރު، ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފަށަން ހުރިހާ ކްލަބުންވެސް މިހާރު ވަނީ އެއްބަސްވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެއި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.
އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ވަނީ 62 ޕޮއިންޓު ލިބިފައެވެ.