ކޮވިޑް-19 އަށް ޝައްކުވާ މީހުންގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް އެބަހުރި ކަމަށާއި، އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ގާއިމްކޮށްފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.
ސާމްޕަލް ނެގުމުގެ ލަސްތަކެއް އުޅޭކަމުގެ ޝަކުވާއާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އޮޕަރޭޝަން މައްސަލަތަކެއް ހުރި ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. އަދި ގިނަ ދުވަސްވަންދެން ސާމްޕަލް ނުނެގި ތިބި މީހުން އެބަތިބި ކަމަށާއި، އަލާމާތްތައް ފެންނަ ހިސާބުން ފެށިގެން ބައެއް ކޭސްތަކަށް "އެޓެންޑް'' ވެސް ނުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ބައެެއް ފަހަރު ލަސްތައް އެބަހުރި އާދަޔާ ހިލާފަށް. ބޮޑަށް ލަސްވެފައި. އެކަންތައްތައް އަޅުގަނޑުމެން ބަލައިގަންނަން. އަޅުގަނޑުމެންގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ކަމެއްގެ ގޮތުގައި. އެ މަސައްކަތް އެބަކުރެވޭ. ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ވެސް އިތުރަށް ވަރުގަދަ އެބަ ކުރެވޭ.މުހައްމަދު މަބްރޫކް އަަޒީޒް - އެންއީއޯސީގެ ތަރުޖަމާނު -
މިހާރު ހުރި ގިނަ ކޭސްތަކެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލްތައް ނަގަމުންދާކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، އުސޫލުގެ ދަށުން ޑައިރެކްޓް ކޮންޓެކްޓްވާ އެއްމެންގެ ސާމްޕަލްތައް ނަގަމުންދާނެ ކަމަށެވެ. އެގޮތަށް ނަގާއިރު އިސްކަމެއް ދެނީ ބަލީގެ އަލާމާތްތައް ފެންނަ މީހުންނަށް ކަމަށް އެންއީއޯސީން ބުންޏެވެ.
ސަމްޕަލް ނެގުމުގެ ކަންތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންއީއޯސީން ބުނެފައިވާއިރު، ބަލީގެ އަލާމާތްތައް ފެނިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓް ކުރުމުން ވަރަށް ގިނައިރު ނަގާ ކަމުގެ ޝަކުވާ ދަނީ ބޮޑުވަމުންނެވެ. އަދި މީހުން ކަރަންޓީނު ފެސިލިޓީސް އަށް ގެންދިޔުމުގައި ލަސްތަކެއް އުޅޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިހާރު އެފަދަ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށެވެ.