ކ.ތުލުސްދޫ އިން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ޓާސްކް ފޯހުގެ ވެރިޔާ އަލީ މައުމޫން ވިދާޅުވީ 15 އޭޕްރީލްގައި ތުލުސްދޫއިން މާލެއަށް ދިޔަ ބިދޭސީއަކާއި ދިވެއްސެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންގް ހާލަތަށް ގެނެސްފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަކީ ސްޓެލްކޯގެ މަސައްކަތެއް ކުރުމަށް އެ ރަށަށް ދިޔަ ބައެކެވެ.
މާލެއަށް އައިސް ކުރި ޓެސްޓްތަކުން އެ ދެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން، ތުލުސްދޫއިން 40 ސާމްޕަލްއެއް ނަގާފައިިވާއިރު އެމީހުން ތުލުސްދޫގައި ތިބި ގެއިން އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާކަމަށް ޓާސްކްފޯހުގެ ވެރިޔާ ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ދެ މީހުންގެ އިތުރުން ވެސް 14 ބިދޭސީއަކު ކަރަންޓީންގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެމީހުން އަދިވެސް ތިބީ ތުލުސްދޫގައި އެމީހުން ކަރަންޓީން ކުރެވިފައިވާ ތަނުގައި ކަމަށް ޓާސްކް ފޯހުގެ ވެރިޔާ ވަނީ މައުލޫމާތު ދީފަ އެވެ.