ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަރަންޓީން ފެސިލިޓީތަކުން ދޭ ޚިދުމަތްތައް ވަރަށް ގާތުން ބައްލަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތަކުން ދޭ ޚިދުމަތްތައް ރައީސް ސޯލިހު ގާތުން ބައްލަވާ ކަމަށެވެ. އަދި ވިދާޅުވީ ކެއިންބުއިމުގެ ޚިދުމަތްތައްދޭ ގޮތް ވަކިން ޚާއްސަކޮށް އެމަނިކުފާނު ބައްލަވާ ކަމަށެވެ.
އެތަންތަނުގައި ތިބޭ މީހުންގެ ޝަކުވާތަކަށް އެޑްރެސް ކުރަން ރައީސް އަންގަވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ގިނަ ބަޔަކު އެތަންތަނުގެ ޚިދުމަތްތައް ބަލައިގަނެ ޝުކުރު އަދާކުރަމުންދާ ކަމަށެވެ.
ކެއިންބުއިމުގެ ޚިދުމަތްތައްދޭގޮތް ވަކިން ޚާއްސަކޮށް ރައީސް ސޯލިހު ބައްލަވާކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާއިރު، ބައެއް ފެސިލިޓީތަކުގައި ދޭ ކާނާ ކަމުނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކޮށްފައިވެއެވެ. އަދި ރޯދަ ވީއްލުމަށް ދިނީ ބަތާއި، ކިރުގަރުދިޔަ ކަމަށް ބުނެފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ލިބޭ މިންވަރަށް ޝުކުރުވެރި ވާންޖެހޭ ކަމަށް ބުނެ މިފަދަ ޕޯސްޓްތަކަށް ބައެއް މީހުން ރައްދުދީފައިވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން ކަރަންޓީން ފެސިލިޓީތަކުގައި 1000ށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 100 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާއިރު، މިފަދަ ދަނޑިވަޅުގައި އާންމުންގެ އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.