ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ޖޫން މަހުގެ 8 ވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު، ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން 8 ގައި ފަށައި ޖުލައި 27 އަށް ލީގު އެއްކޮށް ފުރިހަމަކުރަން ޕްލޭން ހަދަމުން އަންނަ ކަމަށް ދަ ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކުން ވަނީ 40 ދުވަސް ތެރޭ މެޗުތައް ނިންމާލުމަށް ތާއީދުކޮށްފައެވެ.
މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ.
ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ސީޒަން ނުފެށި ދިގުލައިގެންދާނަމަ ޕްރިމިއާ ލީގު ކްލަބުތަކަށް ބޮޑު ގެއްލުމެއްވާނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ މި ސީޒަން ނިންމާ ނުލެވިއްޖެނަމަ، ކްލަބުތަކަށް މާލީ ގޮތުން އެއް ބިލިއަން ޔޫރޯއަށް ވުރެ ބޮޑު ގެއްލުމެއްވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.