ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަށް ހަވާލު ކޮށްފައިވާ 173 ސާމްޕަލް މިހާރު ޓެސްޓްކޮށް ނިމިފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ހުރި ޕީސީއާރު މެޝިން ބޭނުންކޮށްގެން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުންގެ ޓެސްޓުތައް ވަނީ ހަދަން ފަށާފައެވެ. އެމަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން ނަވީން ވިދާޅުވީ ޕީސީއާރު މެޝިން ބޭނުންކޮށްގެން ޓެސްޓްތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ކުރެއްދޫ ރިސޯޓުގައި ތިބި މީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާކަމަށް ނަވީން ވިދާޅުވި އެވެ. އެހެންކަމުން މިހާރު ހުރިހާ ސާމްޕަލްތަކެއްގެ ޓެސްޓްތައް ހަދާ ނިމިފައިވުމާއެކު ކުރެއްދޫ ރިސޯޓުގައި ތިބި މީހުންގެ ސާމްޕަލްތަކުގެ ޓެސްޓްތައް ވާނީ ހަދާނިމިފަ އެވެ.
މިކަން ފެށުނުއިރު ޕޮލިސް ޑީއެންއާރު ލެބްގައި މަސައްކަތްކުރާ ކުދިން އިތުރަށް ތަމްރީންވެސް ދެމުންމިދަނީ. އިތުރު ޓެކްނީޝަނުންނަށް މިދަނީ ކޮވިޑް-19 ގެ ޓެސްޓްތައް ހެދުމަށް ޓްރެއިނިންގވެސް ދެމުން. އެހެންވީމާ މިހުރިހާ ލެބް ޓެކްނީޝަނުން 24 ގަޑިއިރު މަސައްކަތްކުރަން ފެއްޓީމާ އަޅުގަނޑުމެންނަށް ހީވަނީ ގާތްގަޑަކަށް 190 އެއް ހާ ޓެސްޓް ދުވާލެއްގެ މައްޗަށް ހެދިގެންދާނެ ކަމަށް.އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން
ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހުންގެ ސާމްޕަލްތައް ހުރިހާ އަތޮޅެއްގައިވެސް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ޓެސްޓް ކުރެވެން ހުންނަނީ ހަމައެކަނި އައިޖީއެމްއެޗްގެ ލެބޯޓްރީންނެވެ.
އައިޖީއެމްއެޗް ގައި ބޭނުންކުރަމުން އަންނަ މެޝިނުން 250 އާއި 350 އާއި ދެމެދުގެ އަދަދަކަށް ޓެސްޓު ހެދޭކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފަ އެވެ. އަދި ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރުމަށް މި މަސް ނިމުމުގެ ކުރިން އައިޖީއެމްއެޗްއަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. މިހާރު ދުވާލެއްގެ މައްޗަށް 350 ޓެސްޓް ހެދެމުންދެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ހުންނަ ނެޝަނަލް ރެފަރެންސް ލެބޯރަޓަރީގައި ޓެސްޓުކުރާއިރު ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ކުރެވޭއެވެ. އެއީ ސްކްރީން ޓެސްޓުގެ އިތުރުން ޖެނެޓިކް ޓެސްޓެވެ. ސްކްރީނިންގ ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ އެވެ. ސްކްރީނިންގ ޓެސްޓަކީ އެންމެ އިތުބާރު އޮންނަ އެއް ޓެސްޓެވެ.
ދެވަނަ އަށް ކުރާ ޖެނެޓިކް ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ. އާންމު ގޮތެއްގައި މިޓެސްޓުގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި އަށްގަޑިއިރާ ދެމެދުގެ ވަގުތެއް ނަގައެވެ.