ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 16:44
މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބައެއް ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވޭ
މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބައެއް ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވޭ
މުހައްމަދު ޝަރުހާން
މޮނިޓަރިންގެ މަސައްކަތް
837 ބިދޭސީއަކު ދިރިއުޅޭ 18 ތަނެއް މޮނިޓަރިންގެ ޙާލަތައް ގެނެސްފި
ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން ބަލި ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑު
ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ

މާލެސިޓީގައި ބިދޭސީން ދިރިއުޅެމުން ދިޔަ 18 ތަނެއް މޮނިޓަރިންގެ ޙާލަތައް ގެނެސްފިއެވެ.

އާދިއްތަ ދުވަހު މެންދުރު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ބަލިމަޑުކަން ފެތުރިގެންދާ ގޮތުގެ މައްޗަށް ބެލުމަށްފަހު ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން ވަނީ މޮނިޓަރިންގެ ޙާލަތައް ގެނެސްފައިވާ ކަމަށެވެ.

މި 18 ތަނުގައި ޖުމުމަ 837 މީހުން ދިރިއުޅެމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ.

ފުލުހުން ބުނީ، މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީވެ، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ވައްޓަފާޅިއާއި ދިރިއުޅޭ ތަންތަނުގެ ޙާލަތު ހުރި ގޮތުން، ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭކަމަށެވެ. އަދި ބަލި ކޮންޓްރޯލްކޮށް ހުއްޓުވުމަށްޓަކައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނަށް މީހުން ވަދެނިކުމެ އުޅުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިމަހުގެ 21 ވަނަ ދުވަހެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން މޮނިޓަރ ކުރަން ފަށާފައިވާއިރު، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބައެއް ބިދޭސީން ވަނީ ހުޅުމާލޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ. މާލޭގައި ކޮވިޑް-19 ފެތުރެމުންދާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ތިބުމާއެކު، ބަލިފެތުރިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މާލެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެއް ބަޔަކު ބައިތިއްބާފައިވަނީ އެޗްޑީސީން ހުޅުމާލޭގައި ބިދޭސީން ބޭތިއްބުމަށް ޤާއިމުކޮށްފައިވާ 700 މީހުންގެ ޖާގައިގެ ފެސިލިޓީއަކާއި އަމީން ކޮންސްޓްރަކްޝަނުން ދީފައިވާ 1000 މީހުންގެ ޖާގައިގެ ފެސިލިޓީއެއްގައެވެ.

އޭގެ އިތުރުން ޖުމުލަ 6000 ބިދޭސީން ބޭތިއްބޭނެ ޖާގަ އޮންނަ މަރުކަޒެއް ޤާއިމުކުުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި 4000 ބިދޭސީން ބައިތިއްބާނެ ތަންތަނާއި ހުޅުމާލޭގައި 2000 ބިދޭސީން ބައިތިއްބާނެ ތަންތަން ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

- ކޮމެންޓް