ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 15:37
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
މުހައްމަދު ޝަރުހާން
ކޮރަންޓީނަށް ގެންދިއުމުގެ އަމުރު
ކަރަންޓީނަށް ދާން ދެކޮޅުހެދި މީހަކު ކަރަންޓީނަށް ގެންދިއުމުގެ އަމުރެއް ރޭގައިވެސް ނެރެފައިވޭ: ސިވިލް ކޯޓު
މިމަހުގެ 20 ގައިވެސް ދެ މީހަކު ކަރަންޓީނު ކުރުމަށް އަމުރެއް ނެރެފައިވޭ

ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅުހެދި ދިވެއްސަކު ކަރަންޓީން ފެސިލީޓީއެއްގައި ބަންދުކުރުމުގެ ޢަމުރެއް އަނެއްކާވެސް ސިވިލްކޯޓުން ނެރެފިއެވެ.

ސިވިލް ކޯޓުން ބުނީ، ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި ދިވެއްސެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާއެކު، އެފަރާތްތަ ކަރަންޓީން ފެސިލިޓީއެއްގައި ބަންދުކުރުމަށް, ކަރަންޓީން ކުރުމުގައި ޝާމިލުވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ޢަމުރެއް ނެރެފައިވާ ކަމަށެވެ.

ކަރަންޓީނަށް ގެންދަން ނެރޭ މިފަދަ ޢަމުރުތައް، އެމީހުންގެ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ސިވިލް ކޯޓުން އެޢަމުރުތައް ޢާންމެއްނުކުރެއެވެ.

ރާއްޖޭގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި ދެ މީހެއްގެ މައްޗަށް މިމަހުގެ 20 ވަނަ ދުވަހުވެސް ސިވިލް ކޯޓުން ޢަމުރެއް ނެރެފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން، މާލެ ޞަރަޙައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއްރަށަށް ދިއުން މަނާކޮށްފަ އެވެ. މާލެ ޞަރަޙައްދުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ.

އެހެންކަމުން ރާއްޖޭގެ ގިނަ ރަށްތަކެއް މޮނީޓަރިންގ ޙާލަތަށް ގެނެސްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގ ގެ ދަށުން ބައެއް ފަރާތްތައް ކަރަންޓީން ކުރަމުންވެސް އެބަދެއެވެ.

ކަރަންޓީނަށް ދިއުން ދެކޮޅު ހެދުމަކީ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ. އަދި ކަރަންޓީނަށް އެމީހަކު ގެންދިއުމުގެ ޢަމުރުތައް ނެރުމުގެ ބާރުވެސް ކޯޓުތަކަށް ލިބިގެންވެއެވެ. އަދި މިފަދަ ޢާންމު ޞީއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ތެދު މަޢުލޫމާތު ހާމަކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް އެޤާނޫނުން ލާޒިމުކުރާ ކަމެކެވެ.

- ކޮމެންޓް