އއ. ތޮއްޑޫގެ ދަނޑުވެރިން ކަރާ ކިލޯއެއް ވިއްކަނީ 12 އަދި 15 ރުފިޔާ ދެމެދުގެ އަގުތަކެއްގައި ކަމަށް، އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ތޮއްޑޫ ދަނޑުވެރިން އަގުހެޔޮކޮށް ކަރާ ދޫކުރި ނަމަވެސް މާލެ ސިޓީގައި ކަރަލުގެ އަގު އުޅެނީ 50 ރުފިޔާއާ 30 ރުފިޔާގެ ދެމެދުގެ އަގުތަކެއްގައެވެ.
ރާއްޖެއެމްވީއަށް ތޮއްޑޫ ކައުންސިލްގެ ރައީސާ ޚަދީޖާ ނިއުޝާ ވިދާޅުވީ ތޮއްޑޫގެ ދަނޑުވެރިން ކަރާ ދޫކުރަނީ ހެޔޮ އަގުތަކެއްގައި ކަމަށެވެ. އަދި ތޮއްޑޫއިން ކަރާ ކިލޯއެއް ވިއްކަނީ 12 އަދި 15 ރުފިޔާއާ ދެމެދު އަގުތަކެއް ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ފުރަބަންދު ކުރުމާއެކު ކަރާ ބޭރުކުރުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ މާލެސިޓީއަށް 8 ޓަނުގެ ކަރާ ބޭރު ކުރެވުނު ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ކަރާ މާލެސިޓީއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ މިޙާލަތައް ބަލާއިރު، އެއިންތިޒާމު ހަމަޖެހިފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. ނިއުޝާ ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދައާއެކު ތޮއްޑޫ އަށް ބަނދަރުކުރާ އުޅަނދުފަހަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ބަރުކޮށްދޭ ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމުގެ ތަފާތު ބާވަތައް ރަށުން ބޭރަށް ވިއްކިފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަހުގެ 22ން ފެށިގެން މިހާތަނަށް 200 ޓަނުގެ ކަރާ ރަށުން ބޭރު ކުރެވިފައިވާ ކަމަށެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަަހަރު ދަނޑުވެރި އުފެއްދުންތައް ވިއްކަން ދަތިވިނަމަވެސް ދަނޑުވެރިންނަށް ގެއްލުންނުވާނެފަދަ ގޮތަކައް އުފެއްދުންތައް ވިއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ރަށު ކައުންސިލުން ދަނީ ކުރަމުންނެވެ.
މިއަހަރުގެ ރަމަޟާން މަހުގެ 20ށް ދާއިރުގެ ވެސް ތޮއްޑޫއިން ކަރާ ލިބޭނެކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ ޖުމުލަ 500 ޓަނަށް ވުރެ ގިނަ ކަރާ ރަމަޟާން މަހު އެކަނި ބޭރު ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެސިޓީ އޮތީ ލޮކްޑައުން ކޮށްފައެވެ. ތޮއްޑޫގެ އިތުރުން ވެސް ދަނޑުވެރިކަން ކުރާ ރަށްރަށުގެ މުދާތައް މާލެއަށް ގެނެވޭގޮތް ނުވެ، ގިނަ ބާވަތްތައް ހަލާކުވަމުންދާ ކަމުގެ ޝަކުވާ ދަނޑުވެރިން ކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނަ ޢަދަދެއްގެ ކިޔުކަންބާ ފަތްޕިލާވެލި ހަލާކުވެފައިވާކަން ދަނޑުވެރިން ފާހަގަކުރެއެވެ.