ކޮވިޑް-19 އާއި ގުޅިގެން އަންނަ އިޤުތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯވް ހޯދުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭއިން 4.2 ބިލިއަން ރުފިޔާގެ ދަރަނި ނެގުުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްއެމްއޭއިން ދަރަނީގެ ގޮތުގައި 4.2 ބިިލިއަން ރުފިޔާ ހޯދުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެދިލައްވާފައިވާ ގޮތަށް 4.4 ބިލިއަން ރުފިޔާ، 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭ ގޮތަށް ހަމަޖެއްސުމަށެވެ.
އެގޮތަށް ހުށަހެއްޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އަސްލަމް ހުށަހެޅުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން 1 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށާއި އަދި ހަމަ އެޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިސްތިޘްނާ ކުރުމަށެވެ.
އަސްލަމް ހުށަހެޅުއްވި ގޮތަށް ފާސްކުރެެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، 60 މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. އަދި އެގޮތައް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވާފައިވަނީ، 7 މެންބަރުންނެވެ.
ކޭޝްފްލޯވ އިތުރުކުރެއްވުމަށް ފިނޭންސް މިނިސްޓަރު އަމީރު ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާ ކަމަށް އެމައްސަލައަށް ބަހުޘް ކުރެއްވި، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލަށް ބަހުޘް ކުރައްވަމުން އިދިކޮޅު މެންބަރުން ވަނީ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުގެ އޯވަރޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމުލަ ޢާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް ޢާމްދަނީން %1 ވުރެ އިތުރު ނުވާނޭގޮތުގެ މަތިން ސަރުކާރަށް އޯވަރޑްރާފްޓް (މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން) ދެވިދާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ސަރުކާރަށް މަރުކަޒީ ބޭންކުން ލިބެން އޮތް އޯވަރޑްރާފްޓްގެ ޢަދަދަކީ 219 މިލިއަން ރުފިޔާއެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ ޖުމުލަ ޢާމްދަނީގެ އަހަރަކަށްޖެހޭ އެވްރެޖް ޢާމްދަނީ %1 މިންވަރަކީ 219 މިލިއަން ރުފިޔާ ކަމަށްވާތީ އެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަމީރު ފޮނުއްވާފައިވާ ލިޔުންތަކުން ސަރުކާރަށް 4.2 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ 219 މިލިއަން ރުފިޔާގައި ހުރި އޯވަރޑްރާފްޓް 4.2 ބިލިއަން ރުފިޔާއަށް ބަދަލުކޮށްދިނުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދެއްވުމަށެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އެހުއްދަ ދިނުމުގެ ބާރު ލިބިގެންވެއެވެ.
މިފަދަ ޚާއްޞަ ޙާލަތުގައި ދުނިޔޭގެ ގިނަ ޤާއުމުތަކުން ދަނީ ޚާއްޞަ އިޤުތިޞާދީ އަދި މާލީ ޕެކޭޖްތަކެއް ތަޢާރަފުކޮށް ފާސްކުރަމުންނެވެ.