ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރުމުން، އަޔަކްސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކް އެކަމަށް ފާޑު ކިޔައިފިއެވެ.
ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް ނެދަލެންޑްސްގެ ސަރުކާރުން އެންގުމާ ގުޅިގެންނެވެ.
ނެދަލެންޑް ފުޓްބޯޅަ ފެޑެރޭޝަނުން ލީގު ކެންސަލް ކުރީ އެއްވެސް ޓީމަކަށް ޗެމްޕިއަންސް ނުލިބޭ ގޮތަށެވެ. އަދި އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށްވެސް ވަނީ ނިންމާފައެވެ. މިއީ އެ ލީގު 1956 ވަނަ އަހަރު ފެށި ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ދިޔަ ފުރަތަމަ ފަހަރެވެ.
ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރިއިރު، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސް އެވެ. ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވާއިރު، އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
މިކަމާ ގުޅިގެން ޒިޔެކް ވަނީ ނެދަލެންޑްސްގެ ފުޓްބޯޅަ އިދާރާއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ލީގު ކެންސަލް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އަޔަކްސް އަށް ޗެމްޕިއަންކަން ހައްގުކަމަށެވެ. އެމީހުން އޮތީ ލަނޑުގެ ތަފާތުން އެއްވަނައިގައި ކަމަށާއި، 2007 ވަނަ އަހަރު ޕީއެސްވީ އިންވެސް ލީގު ހޯދީ އެންމެ ލަނޑެއްގެ ފަރަގަކުން ކަމަށް ވަނީ ބުނެފައެވެ.
ނެދަލެންޑްސް ލީގު ކެންސަލް ކުރުމުން އަޔަކްސްއާއެކު ޒިޔެކްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ. ޒިޔެކް ވަނީ ސީޒަން ނިމުމުން ޗެލްސީ އަށް ބަދަލުވާން މިދިޔަ ފެބްރުއަރީ މަހު އެއްބަސްވެފައެވެ. ޖުލައި މަހު އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް، ފީފާ އިން ގެނައި ބަދަލުތަކާއެކު ޒިޔެކް އަށް ޗެލްސީގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވޭނީ އިނގިރޭސި ޕްރިމިއާ ލީގު ނިމުމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލްކުރިއިރު، މިއީ ޔޫރަޕްގެ ލީގެއް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔުއެފާ އިން ވަނީ ހާލަތު ތަންނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ނިންމާފައެވެ. ދެން ލީގުތައް ކެންސަލް ކުރަން އަމާޒުހިފާފައިވަނީ ބެލްޖިއަމާއި ސްކޮޓްލެންޑުންނެވެ.