ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 20:36
މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް
މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް
ގެޓީ އިމޭޖަސް
ޓްރާންސްފާ ބާޒާރުގައި ޚަރަދުކުރުން
ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ނުކުރެވޭނެ: ވުޑްވާޑް
އަގު ބޮޑުކޮށް ކޭން އާއި ސަންޗޯ ހޯދުމަށް ޔުނައިޓެޑުން އައީ މަސައްކަތް ކުރަމުން
ކޮވިޑް19 އާ ގުޅިގެން ޕްރިމިއަރ ލީގް ކްލަބްތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުން

ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީކޭން އާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ އަށް ޔުނައިޓެޑުން ފާރަލާ ކަމަށް ރިޕޯޓުކޮށްފަ އެވެ. އެގޮތުން 200 މިލިއަން ޕައުންޑަށް ކޭން ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރި ކަމަށާއި، ސަންޗޯ އަށް 130 މިލިއަން ޕައުންޑް ދައްކަން ޔުނައިޓެޑުން އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުކުރި އެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވީ މި ދަނޑިވަޅުގައި އެއްވެސް ކްލަބަކަށް ބޮޑު ޚަރަދެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ހުރިހާ ސަޕޯޓަރުންވެސް ހަގީގަތް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔުނައިޓެޑަށްވެސް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ކުރިއަށް އޮތް ހޫނު މޫސުމުގައި ބޮޑު ޚަރަދެއް ކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑަށްވެސް މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މީގެ ކުރިން އެ ކްލަބުން ވަނީ ހާލުގައިޖެހިފައިވާ މީހުންނަށް 30،000 ކާބޯތަކެތި ހަދިޔާކޮށްފަ އެވެ. އަދި މެންޗެސްޓާ ސިޓީއާ ގުޅިގެން ޔުނައިޓެޑުން ވަނީ އެއް ލައްކަ ޕައުންޑް ހަދިޔާ ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް އެޑް ވުޑްވާޑް ވިދާޅުވިއިރު، ކޮވިޑް-19 ގެ ސަބަބުން ލިވަޕޫލަށް ދިމާވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުން، އަންނަ ޓްރާންސްފާ ބާޒާރުގައި ޚަރަދުކުރުމުގެ ވިސްނުން ބަދަލުކުރަން ވާދަވެރި ލިވަޕޫލުންވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް