މާލެ ސިޓީގެ ލޮކްޑައުން އުވާލެވޭނެ ހާލަތެއް ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ މާލެސިޓީގައި ކޮވިޑް-19 ފެތުރެމުންދާއިރު، އުވާލެވޭނެ ހާލަތެއް ނެތް ކަމަށާއި ލޮކްޑައުން އަދިވެސް އިތުރުކުރަން ޖެހިދާނެ ކަމަށެވެ.
ލޮކްޑައުން ކުރުމާއެކު ވައިރަސް ކޮންޓްރޯލް ކުރުމަށާއި، ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ އިތުރުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅުތައް އެޅުމަށް އެތައް ގުނައަކުން ފަސޭހެގެން ވެގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާތަލަށް ދިޔައީ ވެސް ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އާޅަފައިވަނިކޮށް ކަމަށްވާތީ، މިދަނޑީވަޅަކީ އާންމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތެއް ނޫން ކަމަށެވެ.
ކޮވިޑް-19ގެ މިހާލަތު ބަދަލުވާން ވަގުތު ނަގާނެކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ މި ދަތިކަމުގެ ތެރޭގައި އިތުރު ދުވަހު އުޅެން ޖެހިދާނެ ކަމަށް ގަބޫލުކޮށް ހުރިހާ ރައްޔިތުން ވެސް މިހާލަތާ އެއްގޮތަށް ދިރިއުޅެން ޖެހޭ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހާލަތު ބަދަލުނުވާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން އުވާނުލާ ބާއްވަން ޖެހެނީ ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ކަމަށެވެ. ވައިރަސް ކުއްލިއަކަށް ފެތުރިއްޖެނަމަ ފަރުވާ ނުދެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރޭވޭނީ އާންމު ރައްޔިތުންގެ އެއްބާރުލުމުންކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށްވާނަމަ ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތްތައް ބޭކާރު ވެގެންދާނެ ކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އަދި 24 ގަޑިއިރު ހަމަވުމާއެކު 14 ދުވަހަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ.