ކ. މާލެ
|
25 އޭޕްރިލް 2020 | ހޮނިހިރު 15:30
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ގެޓީ އިމޭޖަސް
މެމްބަރު ގައުމުތަކަށް ފީފާ އިން އެހީވުން
މެމްބަރު ގައުމުތަކަށް ފީފާ އިން މާލީ އެހީތެރިކަން ފޯރުކޮށްދެނީ
150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ވަނީ ނިންމާފައި
ކޮންމެ އެސޯސިއޭޝަނަކަށް ދޭނީ ފަސް ލައްކަ ޑޮލަރު

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މެމްބަރު ގައުމުތަކަށް 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ފީފާ އިން ނިންމައިފި އެވެ.

އެގޮތުން ފީފާ އިން ވަނީ މެމްބަރު 211 އެސޯސިއޭޝަނަށް އެހީވާން ނިންމާފައެވެ. ފީފާ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ފައިސާ ދޫކުރާނެ ކަމަށާއި، އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ދޭނީ ފަސް ލައްކަ ޑޮލަރު ކަމަށެވެ. އަދި މިއީ ފުޓްބޯޅަ އާއިލާ އަށް އެހީވުމުގެ ގޮތުން ހަދާ ރިލީފް ޕްލޭނުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވަނީ ބުނެފައެވެ.

ފީފާ އިން ދޭ މި އެހީ އަކީ އެ ޖަމިއްޔާ އިން 2016 ވަނަ އަހަރު ތައާރަފްކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުން ނެގި ބަޔެކެވެ. އެގޮތުން 2019-2022 ގެ މުއްދަތުގައި ފީފާ އިން އެ ފަންޑުން ޖުމްލަ 1.746 ބިލިއަން ޑޮލަރު އެސޯސިއޭޝަންތަކަށް އެހީގެ ގޮތުގައި ދޭން ވަނީ ނިންމާފައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ އަށްވެސް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށާއި، އެހީތެރިކަމަށް ބޭނުންވާ އެސޯސިއޭޝަން އެހީވުމަކީ ފީފާގެ ޒިންމާއެއް ކަމަށެވެ. އެގޮތުން އެކަން ފެށެނީ މެމްބަރު އެސޯސިއޭޝަންތަކަށް ވަގުން ވަގުތަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށްވެސް ވިދާޅުވި އެވެ.

މެމްބަރު އެސޯސިއޭޝަންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފީފާ އިން ނިންމިއިރު، މީގެ ކުރިން ފީފާއިން ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް