އަންނަ މެއި މަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފަރާތުން ތަމްސީލް ކުރާނެ އަމްޕަރެއް ސެލެކްޓް ކުރުމަށް ނެޓްބޯލް އެސޯސިއޭޝަންގެ ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް ފުރައިފި އެވެ.
ރާއްޖެއިން މި ސެލެކްޝަން އަށް ފުރި ހަތަރު އަމްޕަޔަރުންނަކީ ރިލްވާން އާދަމާއި ބުންޏާމިން ޔޫސުފާއި ނަބީލް އިބްރާހިމް އަދި ޝާމިން އިބްރާހިމެވެ. މީގެ ތެރެއިން ރިލްވާން އާދަމަކީ މިދިޔަ އަހަރު އޮތް މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި އަމްޕަޔަރެކެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް) ވިދާޅުވީ މި ހަތަރު އަމްޕަޔަރުންނަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ ފިޓު އަމްޕަޔަރުން ކަމަށެވެ.
ޝާޒް ވިދާޅުވީ މި އަމްޕަޔަރުން ސިންގަޕޫރުގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށާއި އެގޮތުން އޭގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި އަމްޕަޔަރުކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޝާޒް ވިދާޅުވީ މި އަހަރުގެ ސެލެކްޝަނަށް ފޮނުވާފައިވާ ހަތަރު އަމްޕަޔަރުން ސެލެކްޓްކޮށްފައިވާނީ މާލޭގައި ކުރިއަށްގެންދިޔަ ބީޕް ޓެސްޓުތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ ބީޕް ޓެސްޓް 9.1 އަށް ވުރެ މަތި ކަމަށް ވެސް ޝާޒް ވިދާޅުވި އެވެ.
މި ކުޅިވަރަކީ އަންހެން ކުޅުންތެރިންނަށް ހާއްސަ ކުޅިވަރަކަށްވާ އިރު، މިފަދަ މުބާރާތްތަކަށް އަންހެން އަމްޕަޔަރުން ފޮނުވަން ބޭނުންވާކަން ފާހަގަކުރަމުން ޝާޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި ވެސް ރަނގަޅު އަންހެން އަމްޕަޔަރުން އެބަތިބި ކަމަށާއި އެހެން ނަމަވެސް މިފަދަ މުބާރާތްތަކަށް ފޮނުވާ ވަރަށް ވުރެން އެފަރާތްތަކުގެ ފިޒިކަލް ފިޓްނަސް ދަށް ކަމަށެވެ.
މިއަހަރުގެ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 21 އަހަރުންދަށުގެ ޓީމެއް ވާދަކުރަން ވަނީ ނިންމާފަ އެވެ.