ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކަރަންޓީނު ކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން މާލެ ގެނެސްފި އެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި ޓީސީ ޓީމު މާލެ ގެނައިރު، އެ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން ވަނީ ކަރަންޓީނުގައި ޖުމްލަ 42 ދުވަސް ހޭދަ ކޮށްފައެވެ.
އެންމެ ފުރަތަމަ ސްރީލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭއެފްސީ ކަޕުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށް ޓީސީ ޓީމު ބަންގްލަދޭޝްއަށް ދިޔުމުން، ސަރުކާރުން ވަނީ ޓީސީ ޓީމު ރާއްޖެ އައުމުގެ ކުރިން ލަންކާގައި ކަރަންޓީނުގެ މުއްދަތު ކަމަށްވާ 14 ދުވަސް ފުރިހަމަ ކުރުމަށް ނިންމާފައެވެ.
ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު މިދިޔަ މަހު 26 ވަނަ ދުވަހު ހަމަވި ނަމަވެސް، އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އެހެންކަމުން ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައި ޓީސީ ޓީމު ރާއްޖެ ގެނައީ މި މަހުގެ 5 ވަނަ ދުވަހު އެވެ.
ރާއްޖެ ގެނެސް ފުރަވެރި ރިސޯޓުގައި ޓީސީ ޓީމު ކަރަންޓީނު ކުރިއިރު، އެޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮސްފައެވެ. އަދި ޓީސީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ޓީސީ ޓީމުގެ ކުޅުންތެރިން މާލެ ގެނައިރު، މާލެ ވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްވެސް ވަނީ މެދުކަނދާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ކުރިން ވަނީ 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރުމަށް ނިންމާފައެވެ.