ކ. މާލެ
|
24 އޭޕްރިލް 2020 | ހުކުރު 14:54
އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި މިޑްފީލްޑަރު ގްރޭނިޓް ޒަކާ
އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި މިޑްފީލްޑަރު ގްރޭނިޓް ޒަކާ
ގެޓީ އިމޭޖަސް
އާސެނަލްގެ ކުޅުންތެރިންނަށް ނަސޭހަތް ދިނުން
ގަވާއިދާ ޚިލާފުވުމުން އާސެނަލްގެ ކުޅުންތެރިންނަށް ނަސޭހަތް ދީފި
އާސެނަލްގެ ހަތަރު ކުޅުންތެރިއަކު ވަނީ އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފުވެފައި
އާސެނަލްގެ ހުރިހާ ކުޅުންތެރިންނަށް ވަނީ ނަސޭހަތް ދީފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުން، އާސެނަލްގެ ހުރިހާ ކުޅުންތެރިންނަށް ނަސޭހަތް ދީފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ލޮކްޑައުން ކޮށްފައިވާއިރު، އެ ގައުމުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ކާބޯތަކެތި ގަތުމަށާއި ސިއްހީ ކަންކަމުގައި ބޭރަށް ދެވެނީ ދުވާލަކު އެއްފަހަރު އެވެ. އަދި ކަސްރަތު ކޮށްލުމަށް ބޭރަށް ދާއިރު، އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުގެ ދަށުން ގައިގޯޅިވުންވެސް ވަނީ މަނާކޮށްފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ހަތަރު ކުޅުންތެރިއެއްގެ ފަރާތުން ވަނީ އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފު އަމަލުތައް ފެނިފައެވެ. އެއީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް، ޑިފެންޑަރު ޑޭވިޑް ލުއިޒް، ފޯވާޑް ނިކޮލަސް ޕެޕޭ އަދި މިޑްފީލްޑަރު ގްރޭނިޓް ޒަކާ އެވެ.

އެއާއެކު އާސެނަލުން ވަނީ އެޓީމުގެ ހުރިހާ ކުޅުންތެރިންނަށް ގަވާއިދުތަކަށް ބޯލެނބުމަށް ނަސޭހަތް ދީފައެވެ.

މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި އެޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދާ ޚިލާފު އަމަލުތައް ފެނުމުން ވަނީ މާފަށް އެދިފައެވެ. އަދި ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ނިންމާފައިވާއިރު، ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީން ވަނީ އެޓީމުގެ މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

އިންގްލެންޑުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

- ކޮމެންޓް