ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 23:59
މިނިވަން ޗެމްޕިއަންޝިޕުގައި އޮޅުވެލިފުއްޓާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
މިނިވަން ޗެމްޕިއަންޝިޕުގައި އޮޅުވެލިފުއްޓާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
މިނިވަން ޗެމްޕިއަންޝިޕް
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
ޅ. އަތޮޅުން ވާދަކުރަނީ އޮޅުވެލިފުއްޓާއި ނައިފަރު އަދި ކުރެންދޫ
މެޗުގެ މޮޅު ކުޅުންތެރިއަކީ އޮޅުވެލިފުށީގެ ނިޒާމް

ނައިފަރު ޓީމުން ދެލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3 ލަނޑު ޖަހައި މެޗު މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޅ. އަތޮޅު ބުރުގެ ފުރަތަމަ މެޗު އޮޅުވެލިފުށިން ކާމިޔާބުކޮށްފި އެވެ.

އޮޅުވެލިފުށީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ނައިފަރާއި ވާދަކޮށް 3 ލަނޑު 2 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނައިފަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މިހާފުގައި ދެލަނޑުޖަހައި އޮޅުވެލިފުށި ސިއްސުވާލައިފަ އެވެ. އެގޮތުން 9 ވަނަ މިނެޓުގައި ނައިފަރު ޓީމުގެ މުހައްމަދު ނަދީމް ވަނީ ލަނޑެއްޖަހައި ލީޑު ނަގާފަ އެވެ.

ނައިފަރުގެ މިލަނޑާއެކު އޮޅުވެލިފުށިން ކުރިއަށްޖެހި ކުޅެމުންދިޔަ ދަނޑިވަޅުގައި ނައިފަރު ޓީމުން ވަނީ ލިބުނު ކައުންޓަރ އެޓޭކެއްގައި އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފަ އެވެ. މިލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު އަހްސަން އެވެ.

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން އޮޅުވެލިފުށިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 53 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ވަނީ ލަނޑެއްޖަހައި އެޓީމަށް އުންމީދު އާކޮށްދީފަ އެވެ. ނިޒާމްގެ މި ލަނޑަށްފަހު މިނެޓެއް ނުވެ ހާމިދު އަހުމަދު އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް އޮޅުވެލިފުށިން ވަނީ 83 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިމްރާން މުހައްމަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލިފުށީގެ އަހުމަދު ނިޒާމެވެ.

ޅ. އަތޮޅު ބުރުގައި ވާދަކުރަނީ އޮޅުވެލިފުށީގެ އިތުރުން ނައިފަރާއި ކުރެންދޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް