އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް ލަޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އިން އިންޓަ މިލާނަށް ކުޅުންތެރިން ހުށަހަޅަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބާސާއިން ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެޓީމުން އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިއަކީ މާޓިނޭޒް އެވެ.
މާޓިނޭޒް އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން، ބާސާއިން 110 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބާސާއަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މާޓިނޭޒް ހޯދުމަށް ބާސާއިން އެޓީމުގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ އިންޓައަށް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިންޓައިންވެސް ސެމޭޑޯ އަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބާސާގެ ޒުވާން މިޑްފީލްޑަރު ކާލްސް އެލޭނާ އަށް ވެސް އިންޓަ އިން ޝައުގުވެރިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ބާސާއިން މާޓިނޭޒްއަށް އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅަންވެސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުކޮށްފައެވެ. ބާސާގެ އިތުރުން މެންޗެސްޓާ ސިޓީންވެސް އަންނަނީ މާޓިނޭޒްއަށް ފާރަލަމުންނެވެ.
އުމުރުން 22 އަހަރުގެ މާޓިނޭޒް އިންޓަ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސީޒަނުގައި ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބުން 22 މިލިއަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓައަށް ކުޅެދިން 66 މެޗުގައި 25 ލަނޑު ޖަހާފައެވެ.
އަދި އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 17 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްފައެވެ.