ކޮރޯނާވައިރަސް (ކޮވިޑް-19) އިން ދުނިޔޭގެ ހާލަތު ރަނގަޅުވެ، އަލުން ކުޅިވަރުތައް ފަށާއިރު ޓެނިހަކީ އެންމެ ފަހުން ފެށޭނެ ކުޅިވަރު ކަމަށް ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ބުނެފި އެވެ.
މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ޓެނިހުގެ މުބާރާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރެވެ. އޭގެ ކުރިން ވެސް މި މުބާރާތް ނުބޭއްވި ދިޔައީ ފުރަތަމަ ހަނގުރާމައިގެ ދުވަސްވަރެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވަނީ ސެޕްޓެމްބަރު މަހުގެ 20 އިން އޮކްޓޯބަރު މަހުގެ 4 އަށް ފަސްކޮށްފައެވެ. މީގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތްވެސް ފަސްކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ މަރޭ ބުނީ ހާލަތު ރަނގަޅުވެ އަލުން ކުޅިވަރުތައް ފަށާއިރު ޓެނިހަކީ އެންމެ ފަހުން ފެށޭނެ ކުޅިވަރު ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ސަބަބަކަށް ބުނީ ޓެނިސް މުބާރާތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޅުންތެރިން ބައިވެރިވާ މުބާރާތްތަކަށް ވެފައި، މިފަދަ މުބާރާތެއް އިންތިޒާމުކުރާއިރު ގިނަ ގައުމުތަކަކުން މީހުން އެއްތަނަކަށް އެއްވަން ޖެހޭނެތީ އެވެ.
މަރޭ ބުނީ ސެޕްޓެމްބަރު މަހުވެސް ޓެނިސް މުބާރާތެއް ބޭއްވުން ނާދިރު ކަމަށެވެ. އެކަމަކު ސެޕްޓެމްބަރު މަހު ފްރެންޗް އޯޕަން ޓެނިސް މުބާރާތް ބާއްވާނަމަ، އެ މުބާރާތުގައި ވާދަކުރާނެ ކަމަށްވެސް މަރޭ ވަނީ ބުނެފައެވެ.
މީގެ އިތުރުން މި އިންޓަވިއުގައި ސްކޮޓްލެންޑަށް އުފަން އުމުރުން 32 އަހަރުގެ މަރޭ ވަނީ މީގެ ހަތަރު ހަފުތާކުރިން ދެތިން ދުވަހަށް ބަލިވެ އުޅުންކަން ހާމަކޮށްފައެވެ. މަރޭ ބުނީ ބަލިވި ނަމަވެސް، އެއީ ކޮވިޑް-19 ގެ ސަބަބުން ވީ ކަމެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ހުރިހާ ކުޅިވަރު ހަރަކާތްތަކެއްވެސް ހުއްޓާލާފައިވާއިރު، ޓެނިސްގެ ހަރަކާތްތައް ހުއްޓާލާފައިވަނީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.