ކޮވިޑް-19 ރޯގާއާ ގުޅިގެން އަންނަ އިގްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމާ ގުޅޭ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކޮށް، އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، މަޖިލީހުގެ ރައީސް ވަނީ ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމާ ގުޅޭ މައްސަލަ ވަނީ މަޖިލީހުގެ ފްލޯއަށް އިއްވަވާދެއްވާފަ އެވެ. މިމައްސަލަ އިއްވާ ދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިމައްސަލަ ދިރާސާ ކުރުމުގައި މަޖިލީހުގެ ހުރިހާ މެމްބަރުން ބައިވެރިވުންމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމެޓީއަށް މިމައްސަލަ ފޮނުވައި. މިމައްސަލައިގެ ހުރިހާ ކަމެއް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމާލުމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މިކަންކަމަށް ގޮތެއް ނިންމަވާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓުން ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާޢްދާގައި ބުނަނީ، ސަރުކާރުގެ އޯވަރޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީން 1 ޕަސެންޓަށްވުރެ އިތުރު ނުވާނޭގޮތުގެ މަތިން ސަރުކާރަށް އޯވަރޑްރާފްޓް (މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން) ދެވިދާނެ ކަމަށެވެ.
އެގޮތުން ބަލާއިރު، ސަރުކާރަށް މަރުކަޒީ ބޭންކުން ލިބެން އޮތް އޯވަރޑްރާފްޓްގެ އަދަދަކީ 219 މިލިއަން ރުފިޔާ އެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ ޖުމްލަ އާމްދަނީގެ އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީ 1 ޕަސެންޓް މިންވަރަކީ 219 މިލިއަން ރުފިޔާ ކަމަށްވާތީ އެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމުރު ފޮނުއްވާފައިވާ ލިޔުންތަކުން ސަރުކާރަށް 4.2 ބިލިއަން ރުފިޔާ ބޭނުން ވެއެވެ.
އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ 219 މިލިއަން ރުފިޔާގައި ހުރި އޯވަރޑްރާފްޓް 4.2 ބިލިއަން ރުފިޔާއަށް ބަދަލުކޮށްދިނުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދެއްވުމަށެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އެހުއްދަ ދިނުމުގެ ބާރު ލިބިގެން ވެއެވެ.
މިފަދަ ހާއްސަ ހާލަތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ހާއްސަ އިގްތިޞާދީ އަދި މާލީ ޕެކޭޖްތަކެއް ދަނީ ތައާރަފްކޮށް ފާސްކުރަމުން ނެވެ. ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން އެމެރިކާއިން ދެ ޓްރިލިއަން ޑޮލަރު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފަ އެވެ.