ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރެން ފަށާފައިވާއިރު މިކަން ބަލަހައްޓަމުން ގެންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭއީ) ން ޓެސްޓެއްގެ ނަތީޖާ ހާމަ ނުކުރާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެ އެވެ.
އެހެންނަމަވެސް އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރުވެސް ޓެސްޓްގެ ނަތީޖާ ނުލިބޭ 383 ސާމްޕަލް އެބަހުއްޓެވެ. މީގެތެރޭގައި ކުރެއްދޫން ނަގާފައިވާ 246 ސާމްޕަލް ވީ ނަމަވެސް ކޮވިޑް-19 ގެ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ނަތީޖާތައް ހާމަކޮށްފައިނުވާ 137 ސާމްޕަލެއް އެބަވެއެވެ.
ކޮންޓެކްޓް ޓްރޭސިންގ ހެދި މީހުންގެ ސާމްޕަލްތައް ނަގަމުންދާއިރު ކޮންމެ އަތޮޅެއްގައިވެސް ސާމްޕަލް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ސާމްޕަލްތައް ޓެސްޓް ކުރެވެން ހުންނަނީ ހަމައެކަނި އައިޖީއެމްއެޗްގެ ލެބޯޓްރީންނެވެ.
އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހާމަކުރީ އަންގާރަ ދުވަހުގެ ރޭ ދަންވަރެވެ. އެޗްޕީއޭ އިން ދަންވަރު 2:24 ގައި އާއްމުކުރި އެ ނަތީޖާގައި ވަނީ ދެ މީހަކު ޕޮޒިޓިވް ވި ކަމަށެވެ. އެއީ، ކޭސް 85 އާއި ކޭސް 86 އެވެ.
އެންމެ ފަހުން އެޗްޕީއޭއިން ހާމަކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތުވެސް 85 މީހަކު މިވައިރަސް އަށް ޕޮޒިޓިވްވެފައިވެ އެވެ. މާލެ އިން ބަލި ޖެހުނު މީހުންގެ އަދަދަކީ 66 އެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ބިދޭސީންނާއި 40 ދިވެހިންނެވެ.