އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރިގެން ގޮސްފިނަމަ، އެ ސިޓީގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންނަށް ނުރައްކާ ބޮޑު ކަމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
މޭޔަރު ސޯދިގު މިހެން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ރާއްޖެޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ސޯދިގު ވިދާޅުވީ ބިދޭސީންނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން ރައްކާތެރިކުރުމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްތަކެއް ދުރާލާ ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވައިރަސް ފެތުރެން ފެށުމުގެ މާކުރިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފަރާތުން މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާކަން ފާހަގަކުރެއްވި އެވެ. އަދި އައްޑޫ ސިޓީގައި އުޅޭ ބިދޭސީންގެ އަދަދު ނޭނގުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މޭޔަރު ސޯދިގު ވިދާޅުވީ، ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި އެންމެނަށް ވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
އައްޑޫ ސިޓީގައި ގިނަ އަދަދަކަށް ބިދޭސީން ދިރިއުޅެމުންދާއިރު، ސޯދިގު ވިދާޅުވީ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކީ ގަވާއިދާއި އެއްގޮތަށް އުޅޭ ފަރާތްތަކެއްކަމަށާއި ގިނަ ތަންތަން ޑޮކިއުމެންޓް ކުރަމުން އަންނަކަމަށެވެ. އަދި ބިދޭސީންނަކީ ވަރަށް ގައިގޯޅިކޮށް އެއްތަނެއްގައި ގިނަ އަދަދެއްގެ މީހުންކަން ފާހަގަކުރައްވައި މި ހާލަތުގައިވެސް އެފަދަ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސޯދިގު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އައްޑޫސިޓީ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްގެ މައިގަނޑު އެއް ބޭނުމަކީ ޑޮކިއުމެންޓަކާއި ނުލާ އެ ފަރާތަކަށް މި ދަނޑިވަޅުގައި ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ.
މާލެ ސަރަހައްދު ފިޔަވައި، އެންމެ ގިނަ އަދަދެއްގެ ރާއްޖޭގައި ބިދޭސީންގެ އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދަކީ އައްޑޫ ސިޓީ އެވެ.