މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އަދި ނެޝަނަލް ބޯޓިން އެސޯސިއެޝަން (އެންބީއެމް) އާއި ގުޅިގެން ކޮކާކޯލާ ކުންފުނީގެ އެހީތެރިކަމާއިއެކު ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި 500 މީހުންނަށް ރޯދާ ވީއްލުން ހަމަޖައްސައިިދީފިއެވެ.
މަޓާޓޯ އާއި އެންބީއެމް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަންނާނެ ގެދޮރުނެތި ގިނަ މީހުން ރޯދަ ވީއްލަމުން އައި މިސްކިތްތަކުގައި އާއްމުންގެ އެހީތެރިކަމާއިއެކު ކަަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމާފައިވާތީ އެ ފަރާތްތަކަށް ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ރޯދަމަސް ނިމެންދެން ކުރިޔަށް އޮތް 30 ދުވަހު 500 މީހަކަށް ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖައްސާން ނިންމާފައިވާ ކަމަށް މަޓާޓޯ އާއި އެންބީއެމް ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.
މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ވަންނާނެ ތަނެއް ނެތް ގިނަ މީހުންނަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބުދަ ދުވަހު ސަރުކާރުން ބުނެފައިވާ ގޮތުން، މާލެ ލޮކްޑައުން ކުރުމުން ޙާލުގައި ޖެހުނު 96 މީހަކަށް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.