ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު، މިބަލި ޖެހޭ އެކަކު ހުރިނަމަވެސް އެއީ ހަމަ އަޅުގަނޑުމެންް އެންމެނަށް ބަލިޖެހުންކަމަށް އިހުސާސް ވާކަމަށާއި، މިދަނޑިވަޅުގައި އެކަކު އަނެކަމަށް އޯގާތެރިވެ، އިހުސާންތެރިވުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާއިރު، މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ފުރަތަމަ މީހަކު ޕޮޒިޓިވް ވެފައިވަނީ ހއ. އުލިގަމުން ކަމަށްވާތީ، ޕޮޒިޓިވް ފަރާތުގެ ހާލަތު ވަރަށް ގާތުން ބައްލަވާކަން ހާމަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، އުލިގަމު ހިމެނޭ، ހޯރަފުށި ދާއިރާއަށް މިދަނޑިވަޅަކީ ވަރަށް ބޮޑު ކަންބޮޑުވުމާއި ހިތާމައިގެ ވަގުތެއް ކަމަށެވެ.
އަޅުގަނޑުގެ ދާއިރާއަށް ވަރަށް ބޮޑު ކަންބޮޑުވުމާއި ހިތާމަ މިދަނޑިވަޅުގައި އޮތްކަން އަޅުގަނޑު ފާހަގަކޮށްލަން. އެއީ އަޅުގަނޑުމެން ކިތަންމެ ނޭދުނުނަމަވެސް، މިމަހުގެ 15 ވަނަ ދުވަހު އުލިގަމަށް ދަތުރުކުރި އެރަށުގެ ރައްޔިތެއް މިވަނީ މިބައްޔަށް ޕޮޒިޓިވްވެފަ. އެޔާއެކުގައި އަޅުގަނޑުމެންގެ ދާއިރާއަށް ކުރެވޭ އިހުސާސަކީ ހަމަ ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް މިހިތާމައިގެ އިހުސާސް. އެއީ އަޅުގަނޑުމެން ދެކެނީ އެކަކު ބަލިވުމަކީ ހަމަ އަޅުގަނޑުމެން އެންމެން ބަލިވުން ކަމަށް،ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ، އުލިގަމުން މީހަކު ޕޮޒިޓިވް ވުމާއެކު ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ކަމަށާއި، ބަލި މީހާގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި ސަލީމް ވަނީ، ރައްޔިތުން ބަލިން ރައްކާތެރި ވުމަށް އޭނާގެ ދެއްވި މެސެޖްވެސް މަޖިލީހުގެ ތަޅުމުގައި އިއްވަވާ ދެއްވައިފައެވެ.
އަޅުގަނޑު މިދަނީ އެ ޕޮޒިޓިވްވި ފަރާތުގެ ހާލުއަހުވާލު ވަރަށް ގާތުން ބަލަމުން. މިކަން ދިމާވި ހިސާބުން ފެށިގެން، އަޅުގަނޑު ވަރަށް ޝުކުރުވެރި ކަމާއެކު ފާހަގަކޮށްލަން، ސަރުކާރުން މިކަމުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ. އޭނާހުރީ ވަރަށް ހެޔޮހާލުގައި، ވަރަށް ރަނގަޅު ރޫހެއްގައި. އޭނާގެ މެސެޖަކީ ހަމަ ގޭގައި ތިއްބަވާށޭ، މިކަމުން ސަލާމަތްވެވޭނެ ހަމަ އެންމެ ރަނގަޅު ފަރުވާއަކީ، އަޅުގަނޑުމެން އެކަހެރިކަން އިހުތިޔާރު ކުރުމޭ. އިރާދަކުރެއްވިއްޔާ ދެތިން ހަފްތާގެ ތެރޭގައި އޭނާ އެނބުރި އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެކަމުގެ ހިތްހަމަޖެހުން އަޅުގަނޑަށް ވަރަށް ބޮޑަށް އެބަލިބޭ،ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ސަލީމް ވިދާޅުވީ، ކޮވިޑް-19 އިން ދިވެހިރައްޔިތުން ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞަލިހު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރެވޭ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ރަށްރަށުގެ ޓާސްކްފޯސްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ މަސައްކަތްތައްވެސް ފާހަގަކުރައްވާ ކަމަށެވެ.
ވަރަށް ބުރަކޮށް ވަރަށް ދަތީގައި ވަރަށް އުނދަގުލުގައި ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން މިކުރަނީ އަބަދުމެ މިކަމުގައި ތިބޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މިކަމުން އަޅުގަނޑުމެން އަރައިގަންނާނެ. އަޅުގަނޑުމެން މާބާރަށް ތެދުވެ، މާހަލުވިކަމާއެކު މަސައްކަތާއިގެން ކުރިއަށް ދާނަން. މިވަގުތު އަޅުގަނޑުމެން ޖެހޭނީ ކެތްތެރިވެލަން. އަޅުގަނޑުމެން ޖެހޭނީ ތަންކޮޅެއްބޮޑަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހެއްގައި މަސައްކަތް ކުރަން،ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ކޮވިޑް-19 އަށް ރާއްޖެއިން 86 މީހަކު ޕޮޒިޓިވްވެފައިވާއިރު، 16 މީހަކު ރަނގަޅުވެފައި ވެއެވެ. މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. މިވޭތުވެދިޔަ ހަފްތާގައި 46 މީހަކު މިވަނީ ރާއްޖެއިން ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ދިޔައީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް މިހާރު މިވަނީ ރާއްޖޭގައި މިބަލި ފެތުރެން ފަށާފަ އެވެ. މިހާލަތު އަންނާނެ ކަމަށް ބެލެވޭތީ މިހާލަތަށް ވެސް ސަރުކާރުން ދިޔައީ ހާއްސަ ތައްޔާރީތަކެއް ވަމުންނެވެ. އަދި އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އަޅާފައިވާއިރު، މާލެ ސަރަހައްދު މިވަނީ އަންނަ މެެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކޮށްފަ އެވެ.