މެދުކަޑާލާފައިވާ ޖަރުމަން ލީގުގެ ކުޅުން މެއި މަހުގެ ކުރީކޮޅު ފެށޭވަރު ވާނެ ކަމަށް ޖަރުމަންގެ ދެ ސްޓޭޓެއްގެ ބޮޑުވަޒީރުން ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ. އެކަމަކު އޭޕްރީލް 30 ގެ ނިޔަލަށް ލީގު މެދުކަނޑާލާފައި އޮތް ނަމަވެސް، ލީގު ފެށުން ފަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެއި މަހުގެ ނުވަވަނަ ދުވަހު ލީގު ފަށަން ޖަރުމަން ފުޓްބޯލް ލީގުން މަސައްކަތް ކުރަމުން އަންނައިރު، އެކަމަށް ޖަރުމްނަގެ ބެވޭރިއާ އާއި ނޯތުރައިން-ވެސްޓްފޭލިއާގެ ބޮޑުވަޒީރުން ވަނީ ތާއީދުކޮށްފައެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ޖަރުމަންގައި މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ޖަރުމަން ލީގުގެ ކުޅުން މެއި މަހުގެ ކުރީކޮޅު ފެށޭވަރު ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މެއި މަހުގެ ކުރީކޮޅު ޖަރުމަން ލީގު ފަށަން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ޖަރުމަންގެ ކްލަބުތަކަށް ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައެވެ. އެއާއެކު ޖަރުމަން ކްލަބުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނަނީ ކުޅުންތެރިން ގައިގޯޅި ނުވާގޮތަށެވެ.
ކޮވިޑް-19 ގެ ސަބަބުން ޖަރުމަން ލީގުވެސް މެދު ކަނޑާލިއިރު، ގިނަ ކްލަބުތަކަކަށް ވަނީ މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މާލީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ޔޫނިއަން ބާލިންގެ ކުޅުންތެރިން ވަނީ މުސާރަ އެއްވެސް ގޮތަކަށް ނުނެގުމަށް ނިންމާފައެވެ. އަދި ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބު ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި ބޮރޫޝިއާ ޑޯޓްމުންޑުގެ ކުޅުންތެރިން ވަނީ އެ ކުޅުންތެރިންގެ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަކުރަން ނިންމާފައެވެ.