ސްޕެނިޝް ލީގުގެ ކްލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދޭން ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން އެއްބަސްވެއްޖެ އެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްޕެނިޝް ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ.
ސްޕެނިޝް ލީގުގެ ކްލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ދިނީ، އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަނޑއަޅާފައިވާ ގަވާއިދުތަކުގެ ދަށުން ފަރިތަކުރުންތަކުގައި އަމަލުކުރުމަށް އިލްތިމާސް ކުރުމަށްފަހު އެވެ. އެގޮތުން ފަރިތަކުރުންތަކުގައިވެސް ކުޅުންތެރިން ހަރަކާތްތެރުވާން ޖެހޭނީ އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ސްޕެނިޝް ލީގުގެ ކްލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިންއިރު، މީގެ ކުރިން ޖަރުމަން ލީގުގެ ކްލަބުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
މީގެ އިތުރުން ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ހާލުގައި ޖެހިފައިވާ އެތުލީޓުންނަށް އެހީވުމުގެ ގޮތުން 10 މިލިއަން ޔޫރޯގެ ފަންޑެއް ހުޅުވުމަށްވެސް ނިންމާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު، ސްޕެނިޝް ލީގު އެންމެ އަވަހަށްވެސް ފެށޭނީ މެއި މަހު ފަހުކޮޅުގައި ކަމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.